Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

"ބޯޑާ 2" ގެ ރޯލަކަށް ސުނިލްގެ ދަރިފުޅު

ސުނިލް ޝެޓީ ވެސް މުހިއްމު ރޯލެއް ކުޅުނު ބޮލީވުޑްގެ ކާމިޔާބު ހަނގުރާމަ ފިލްމު "ބޯޑާ 2" ގެ އިން އޭނަގެ ދަރިފުޅު އަހާން ޝެޓީ ފެންނާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހާން ބޮލީވުޑަށް ނުކުތީ 2021 ގެ ފިލްމު "ތަޅަޕް" އިންނެވެ. އޭގެ ފަހުން އޭނަ މިހާތަނަށް އިތުރު އެއްވެސް ފިލްމަކަށް ސޮއެއް ނުކުރެ އެވެ. ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޑައިރެކްޓަރު ޖޭޕީ ދައްތާ 1997 ގައި ގެނެސްދިން "ބޯޑާ" ގެ ސީކްއެލް، ފުރަތަމަ ބައިގައި ވެސް މުހިއްމު ރޯލެއް ކުޅުނު ސަނީ ޑިއޯލްއާ އެކީ ހަދަން ތައްޔާރީތައް ވަމުން އަންނަ މީގެ ކާސްޓަށް މިހާރު އެކްޓަރުން ނަގަމުން އަންނަ ކަމަށެވެ.

އެގޮތުން އަހާންގެ އިތުރުން "ބޯޑަރު 2" ގެ ކާސްޓްގައި އަޔޫޝްމަން ކްރާނާ އާއި އައްމީ ވާކް ވެސް ހިމެނޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. ބައެއް މީޑިއާތަކުން ބުނީ މީގެ ކާތިކް އާރިއަނަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް ވަގުތު ދެވެން ނެތިގެން އޭނަ ފުރުސަތު ދޫކޮށްލާފައިވާ ކަމަށެވެ.

"ބޯޑަރު 2" ގެ ވާހަކަ ދެކެވެމުން އައި ނަމަވެސް މިއާ ބެހޭ ގޮތުން ޑައިރެކްޓަރު ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެންމެ 10 ކްރޯޑް ރުޕީސް (1.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ބޯޑާ" އަށް ބޮކްސް އޮފީހުގައި 65.75 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު އިރު، މީގެ ކާސްޓްގައި ސަނީ އާއި ސުނިލްގެ އިތުރުން، އަކްޝޭ ކަންނާ، ޖެކީ ޝްރޮފް، ތައްބޫ އަދި ޕޫޖާ ބަޓް ފަދަ ދަރިން ހިމެނެ އެވެ.

މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. އައްނޫ މަލިކް މިއުޒިކް ހޯދި "ބޯޑާ" އަކީ ފިލްމުގެ ލަވަތަކުގެ ތެރެއިން "ސަދޭ ސޭ އާތޭ ހޭ" އަކީ ގައުމީ ރޫހު އާލާކޮށްދޭ ވަރަށް އަސަރު ގަދަ އަދި މިހާރު ވެސް އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރު ލަވައެކެވެ.