ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ކޭޖީއެފް" ގެ ދެ ފިލްމު ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު ޕްރަޝާންތުގެ ނީލްގެ ފިލްމަކަށް އެންޓީއާރް ޖޫނިއާ ސޮއިކޮށްފި އެވެ.
އިންޑިއާގެ ދެކުނުގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އެންޓީއާރް އަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "އާރްއާރްއާރް" ގެ އެއް ބަތަލެވެ. އޭނަ ސޮއިކުރި ޕްރަޝާންތިގެ ފިލްމު އިއްޔެ އިއުލާންކުރި ނަމަވެސް އޭގެ ނަމާއި އެއާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ނަމަވެސް ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ އެޕްރީލްގައި ފަށާނެ ކަމަށް ބުންޏެވެ.
އެންޓީއާރާ އެކީ ޕްރަޝާންތު ފިލްމެއް ހަދަން ނިންމިކަން އިއުލާންކޮށްފައި މި ވަނީ "ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްއާ އެކީ ފިލްމެއް ގެނެސްދޭން ތައްޔާރުމުން ދަނިކޮށެވެ. އެއީ ކުރިން މިދިޔަ މަހުގެ 28 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް، މި އަހަރުގެ ޑިސެމްބަރު 22 އަށް ފަސްކުރި އެކްޝަން ތުރިލާ "ސަލާރު: ޕާޓް ވަމް. ސީސްފަޔާ" އެވެ.
މިއީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ.
"އާރްއާރްއާ" ފަހު އެންޓީއާރް އެންމެ އަވަހަށް ފެންނާނީ "ދެވާރާ ކިޔާ ފިލްމަކުންނެވެ. ކާސްޓްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސައިފް އަލީ ޚާން ވެސް ހިމެނޭ މި ފިލްމުގެ ޝޫޓިން ކުރިއަށްދާ އިރު، މިއީ ދެ ބަޔަކަށް ގެނެސްދޭނެ އެއްޗެކެވެ. "ދެވާރާ" ގެ ފުރަތަމަ ގެނެސްދޭނީ އަންނަ އަހަރުގެ އެޕްރީލް 5 ގަ އެވެ.
ޔާޝްރާގް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގައި ހިމެނޭ ރިތިކް ރޯޝަންގެ "ވޯ 2" ގެ ކާސްޓްގައި ވެސް އެންޓީއާރް ޖޫނިއާ ހިމެނެ އެވެ.