Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އޭ-ލެވެލް ސިލަބަސް ކެމްބްރިޖަށް ބަދަލުކުރުން ކެންސަލް!

ރާއްޖޭގައި މިހާތަނަށް އޭ-ލެވެލް އެޑެކްސެލް ސިލަބަހަށް ކިޔަވައި ދެމުން އައި ނަމަވެސް ސިލަބަސް ކެމްބްރިޖަށް ބަދަލުކުރަން މިދިޔަ އަހަރު ނިންމުން އެޑިއުކޭޝަން މިނިސްޓްރީން ބާތިލުކޮށްފި އެވެ.

އޭ-ލެވެލް ކެމްބްރިޖް ސިލަބަހަށް ބަދަލުކުރަން ނިންމިކަން މިނިސްޓްރީ އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ގަ އެވެ. އޭރު މިނިސްޓްރީން ބުނެފައި ވަނީ މި އަހަރުގެ ދިރާސީ އަހަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އަށް ކިޔަވައިދޭން ފަށާނެ ކަމަށާއި 2024 އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ވެސް ބާއްވާނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގްރޭޑު 12 ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނީ 2024-2025 ވަނަ އަހަރު އެވެ. އަދި 2025 ގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-ލެވެލް އިމްތިހާނު ބާއްވާނެ އެވެ.

ނަމަވެސް މި އޭ-ލެވެލްގެ ސިލަބަސް އެޑެކްސެލް އިން ކެމްބްރިޖަށް ބަދަލުކުރަން ނިންމި ނިންމުން އެ ބާތިލުކޮށް، މިނިސްޓްރީން މިހާރު ވަނީ އެ ލެވެލް އަށް ކިޔަވައި ދެމުން އަންނަ ސްކޫލްތަކަށް ވެސް އެކަން އަންގައިފަ އެވެ. ނަމަވެސް އޭ ލެވެލް އަށް ކިޔައިދޭ ބައެއް ސްކޫލްތަކުން ބުނީ އެކަމާ ބެހޭ އިތުރު ތަފުސީލެއް އެޑިއުކޭޝަން މިނިސްޓްރީން ހިއްސާނުކުރާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ގެންނަން ނިންމި ބަދަލާ މެދު އަދިވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނި ގޮތުގައި ކުރިން ވެސް އޮތް ގޮތަށް އެޑެކްސެލް ސިލަބަހާ އެކީ އޭ ލެވެލް ކުރިއަށް ގެންދަން ނިންމީ މި ދަނޑިވަޅުގައި އެފަދަ ބޮޑު ބަދަލެއް ގެންނަން ބޭނުން ނުވާތީ ކަމަށެވެ.