Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

އާމިރުގެ އާ ފިލްމަކީ "ސިތާރޭ ޒަމީން ޕަރް"

ބޮލީވުޑްގެ ތަރި އާމިރު ޚާން މިހާތަނަށް ޑައިރެކްޓްކުރި ހަމައެކަނި ފިލްމަކީ 2007 ގެ "ތާރޭ ޒަމީން ޕަރް" އެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން އަންނަ އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭ ގޮތަށް އޭނަ ކުޅެން ތައްޔާރުވަމުން އަންނަ އާ ފިލްމުގެ ނަން ދީފައި ވަނީ އެ ފިލްމާ ގުޅުވައިގެންނެވެ. އެގޮތުން ފިލްމުގެ ނަމަކީ "ސިތާރޭ ޒަމީން ޕަރް" އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ލާލް ސިންގް ޗައްޑާ" ފްލޮޮޕްވުމުން، އާމިރު އެކްޓިންއިން ބްރޭކަށް ނަގަން ނިންމުމުން އޭނަ ނުކުޅޭ ގޮތަށް ނިންމި ސްޕެއިންގެ 2018 ގެ ސްޕޯޓްސް ކޮމެޑީ ޑްރާމާ "ޗެމްޕިއަން" ގެ ރިމޭކެވެ.

މި ފިލްމު އާމިރު ކުޅެން މިހާރު ނިންމީ އެކި އެކްޓަރިންނަށް ފިލްމު ހުށަހަޅައިގެން އެއްވެސް އެކްޓަރަކާ އެކީ ފަހުގެ އެއްބަސްވުމަކަށް ނާދެވުމުންނެވެ. އެގޮތުން "ޗެމްޕިއަންސް" އެންމެ ފުރަތަމަ ހުށަހެޅީ ސަލްމާން ޚާނަށެވެ. އޭގެ ފަހުން ރަންބީރް ކަޕޫރް އަދި ފަރުހާން އަޚްތަރަށް ވެސް ފިލްމު ހުށަހެޅި އެވެ. ނަމަވެސް އެއިން އެއްވެސް އެކްޓަރަކާ އެކީ ރަސްމީކޮށް އެއްބަސްވުމަކަށް ނާދެވުމުން އާމިރު މި ކުޅެން ނިންމީ އެވެ.

"ޗެމްޕިއަންސް" އަކީ ނުކުޅެދުންތެރިކަން ހުންނަ ބާސްކެޓް ކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު ކާމިޔާބު ހޯދަން ކުރާ ހިތްވަރު ގަދަ މަސައްކަތް ދައްކުވައި ދިން ވަރަށް ޖަޒުބާތީ ފިލްމެކެވެ. އާމިރުގެ "ތާރޭ ޒަމީން ޕަރް" އަކީ ވެސް ބެލުންތެރިން ރޮއްވާލައި ހެއްވާލި ޖަޒުބާތީ ފިލްމެކެވެ.

"ޗެމްޕިއަންސް" ގެ ރައިޓްސް ހޯދުމަށް ފަހު، މީގެ ހިންދީ ރިމޭކް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވާ އިރު، ފިލްމު ޕްރޮޑިއުސް ވެސް ކުރަނި އާމިރެވެ. ފިންކްވިލާ އިން ބުނި ގޮތުގައި މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން "ސިތާރޭ ޒަމީން ޕަރް" ގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ އެވެ.

މީގެ ޑައިރެކްޓަރަކީ 2017 ގެ "ޝުބް މަބްގަލް ސާވްދާން" ގެނެސްދިން ޑައިރެކްޓަރު އާރްއެސް ޕްރަސައްނާ އެވެ.