ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަޓައިންމަންޓުން އާ ގިނަ ޕްރޮޖެކްޓްތަކެއް އިއުލާންކޮށްފި އެވެ.
ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އަދި ބެލުންތެރިންގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައިވާ ސްޓޫޑިއޯ އިން މިރޭ އާ ހަ ފިލްމެއް އިއުލާންކޮށް، އެ އެއްޗެހީގެ ފަސްޓްލުކް ޕޯސްޓަރުތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. މި ފިލްމުތަކަކީ "އަލިފާން"، "ފެށުމާއި ނިމުން"، "ލައިފް ސަޅި"، "ލޭ"، "ވާރޭ" އަދި "އަވަ" އެވެ.
މިއިން އެއްވެސް ޕްރޮޖެކްޓަކާ އިތުރު އެއްވެސް ތަފުސީލެއް ޑާކް ރެއިނުން އަދި ނުދެ އެވެ.
އެކަމަކު ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މި ހުރިހާ ފިލްމުތަކެއް ވެސް މިހާރު އޮތީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައި ކަމަށާއި މި ފިލްމުތަކަކީ ސިނަމާތަކަށް ގެނެސްދޭނެ އެއްޗެހި ކަމަށެވެ.
މިއީ ފިލްމު އުފައްދާތާ މި އަހަރަށް 17 އަހަރުވީ ސްޓޫޑިއޯން އެއްފަހަރާ މިހާ ގިނަ ފިލްމުތަކެއް އިއުލާންކުރި ފުރަތަމަ ފަހަރެވެ.
ޑާކް ރެއިނުން މިހާރު އަންނަނީ މި އަހަރު އެތަނުން ގެނެސްދޭ ތިން ވަނަ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުންނެވެ. އެއީ މި އަހަރުގެ ޑިސެމްބަރު 4 އަށް ތާވަލުކޮށްފައި އޮތް އަސަރު ގަދަ ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ. މިއީ ޑާކް ރެއިނުން މިހާތަނަށް އެންމެ ބޮޑު ބަޖެޓުން ހެދި ފިލްމެވެ. ސިންގަޕޫރްގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ވެސް ޝޫޓްކޮށްފައިވާ މި ފިލްމަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޑާކް ރެއިނުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި އޮލިމްޕަހުގައި އެޅުވި "ބީވީމާ" އެވެ. އޭގެ ފަހުން މާޗްގައި "ހިނދުކޮޅެއް" މީޑިއާ ނެޓް މެދުވެރިކޮށް ޑިޖިޓަލްކޮށް ޕްރީމިއާކުރި އެވެ.
ޑާކް ރެއިނުން މިހާރު ވެސް އޮތީ ފިލްމެއް އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން އަމާޒު ހިފައިފަ އެވެ. އެއީ "ފުރޭތަ" އާއި "މީ އިޝްގު" އަދި "ބަޅިނދު" އެވެ. ބެލެވޭ ގޮތުން މިރޭ އިއުލާންކުރި ފިލްމުތަކުގެ ތެރެއިން ބައެއް ފިލްމުތައް ވެސް އަންނަ އަހަރު ސްކްރީނަށް އަންނާނެ އެވެ.
އެ ސްޓޫޑިއޯ އިން ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ދިން ވޭނުގެ ހިތާމައިގައި"، "އެންމެ ފަހު ވިންދާ ޖެހެންދެން"، "ވާށޭ މަށާއެކީ"، "ގޮށްރާޅު" އަދި "މާމުއި" ފާހަގަކޮށްލެވެ އެވެ