މިރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ބިރުވެރި ފިލްމު "ކަޅަކި" ގެ ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި އެވެ.
އިސްމާއީލް އައްފާންގެ މެލޮޑީ ހަދައި ކިޔާފައިވާ ލަވަ ޑައިރެކްޓްކުރީ ރަވީ ފާރޫގެވެ.
ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ އަމިއްލަ ފިލްމު ކުންފުނި، ނިއުޒޯ ފިލްމްސް އިން ގެނެސްދޭ "ކަޅަކި" އަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ އެެއްޗެކެވެ. އޭނަ ވެސް ކާސްޓްގައި ހިމެނޭ މި ފިލްމަކީ ސްރީ ލަންކާ އަށް ޗުއްޓީ އަށް ދާ ގްރޫޕަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. "ކަޅަކި" ގެ ކާސްޓްގައި ޒުވާން ތަރިން ކަމަށްވާ ވާޝިޔާ މުހައްމަދާއި ލަހުފާގެ އިތުރުން ތަޖުރިބާކާރު ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ އަދި މުހައްމަދު މަނިކު ހިމެނެ އެވެ.
"ކަޅަކި" މިރޭ ބެލުންތެރިންނަށް ދޫކޮށްލާ އިރު، އޮލިމްޕަހުގައި އެންމެ ފަހުން ދެއްކީ ވެސް ޔޫއްޕެ ޑައިރެކްޓްކުރި ފިލްމެކެވެ. އެއީ ރޭ ޝޯތައް ނިންމައިލި ކޮމެޑީ "ޖޯކަރު" އެވެ.
"ކަޅަކި" މި އަހަރު އޮލިމްޕަހަށް އަންނަ ދެވަނަ ބިރުވެރި ފިލްމެވެ. މި އަހަރުގެ ފުރަތަމަ ބިރުވެރި ފިިލްމަކީ ލަންކާގެ ކާސްޓެއް ހިމަނައިގެން ސީޒަން ޑައިރެޓްކޮށް، ޖުލައިގައި ގެނެސްދިން "ކައުޝި" އެވެ.