ސިންގަޕޫރްގައި ކޮވިޑް-19 ގެ އާ ރާޅަކަ އެކީ ބަލި ޖެހޭ މީހުން އިތުރުވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުން ވެސް އިތުރުވާން ފަށައިފި އެވެ.
އެ ގައުމުގެ ހެލްތު މިނިސްޓަރު އޮން ޔީ ކުން އިއްޔެ ވިދާޅުވީ ބަލި މިހާރު ފެތެރެމުންދާ ސްޕީޑަށް ބަލާ އިރު، ކުރިއަށް އޮތް ދުވަސްތަކުގައި ބަލިޖެހިގެން އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ ސިންގަޕޫން މިހާރު އަންނަނީ މިކަމަށް ތައްޔާރުވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 1،000 ގައި ހުރި ނަމަވެސް ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު 2،000 އަށް އަރާފައިވާ ކަމަށެވެ. އެހެންވެ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ގިނަ ބަޔަކު އެއްތަނަކަށް ޖަމާވުން ފަދަ ކަންކަމިން ދުރުހެލިވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ސިންގަޕޫރްގައި ކުރިން އެޅި ގޮތަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސިންގަޕޫރްގައި މިހާތަނަށް ކޮވިޑް ޖެހިގެން 1،872 މީހަކު މަރުވެފައިވެ އެވެ. އެ ގައުމުގައި އެންމެ ފަހުން ކޮވިޑްގެ ހާލަތު ގޯސްވީ މި އަހަރުގެ މާޗް-އެޕްރީލް ތެރޭގަ އެވެ.