ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 14 މިރޭ ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.
މި ޝޯގެ އޮޑިޝަންތަކާ އެކީ ޝޯގެ ފުރަތަމަ އެޕިސޯޑް ބެލުންތެރިންނަށް ގެނެސްދޭނީ ރާއްޖެ ގަޑިން 7:30 ގަ އެވެ.
މި ފަހަރުގެ ސީޒަންގެ ޖަޖުންނަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ކުމާރު ސާނޫ އާއި ޝްރެޔާ ގޯޝަލްގެ އިތުރުން ވިޝާލް ދަދުލާނީ އެވެ. ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ވިޝާލް އަކީ މި ފަހުން "އިންޑިއަން އައިޑޮލް" ގެ ސީޒަންތަކުން ފެންނަ އެންމެ އާންމު ޖަޖެވެ.
ބޮލީވުޑްގައި 90 ގެ ތެރޭގައި އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަދި މަޝްހޫރު އެތައް ލަވައެއްގެ އަޑުގެ ވެރިޔާ ކުމާރު ސާނޫ "އިންޑިއަން އައިޑޮލް 14" ގައި ބައިވެރިވަނީ ޖަޖެއްގެ ގޮތުގައި މުޅިން އަލަށެވެ. އިންޑިއާގެ ބައެއް އެހެން ލަވަ ޝޯތަކުގައި އޭނަ ކުރިން ޖަޖްކަންކޮށްފައިވެ އެވެ.
ޝްރެޔާ އަކީ މިހާރު އިންޑިއާގައި ތިބި އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ. އޭނަ އަކީ މިހާތަނަށް ފަސް ނެޝަނަލް އެވޯޑްގެ އިތުރުން އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ފަންނާނެކެވެ.
"އިންޑިއަން އައިޑޮލް 14" ގެ އެޕިސޯޑްތައް ސޮނީން ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ. މި ފަހަރު ޝޯގެ ހޯސްޓަކީ ކުރިން ވެސް މި ޝޯގެ ބައެއް ސީޒަންތައް ހޯސްޓްކޮށްފައިވާ ހުސައިން ކުވަޖްރެވާލާ އަކީ އެވެ. އޭނަ އަކީ ކުރީގެ މަޝްހޫރު ސިލްސިލާ "ކުމްކުމް" ގެ ބަތަލެވެ.
"އިންޑިއަން އައިޑޮލް" އަކީ 2004 އިން ފެށިގެން ގެނެސްދެމުން އަންނަ ޝޯއެކެވެ. މި ޝޯގައި ބައިވެރިވެ، ހުނަރު ދައްކާލައިގެން މިއުޒިކީ ކެރިއަރު ބިނާކުރި ފަންނާނުން މިހާރު އިންޑިއާގައި ވަރަށް ގިނަ އެވެ.
"އިންޑިއަން އައިޑޮލް" ގެ ސީޒަން 13 ކާމިޔާބުކުރީ ރިޝީ ސިންގް އެވެ.