ވިލިމާލޭގައި ގެއެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑިއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާން ރޯވީ މީހުން ނޫޅޭ ފަޅުގެއެއްގައި ކަމަށެވެ.
"ބަސްމަލާ" ނަމަކަށް ކިޔާ މި ގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ ފަތިހު 05:12 ހާއިރު ކަމަށް މައުލޫމާތުދީފައިވެއެވެ. އަދި މި މައުލޫމާތު ލިބުމާ ގުޅިގެން ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ މި ދެ ކޮޓަރީގައި ރޯވި އަލިފާން ފަޔަރފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވިފައި ވަނީ ފަތިހު 05:55 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އެހެންނަމަވެސް އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާޚާނާއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް މައުލޫމާތުދީފައިވެއެވެ.