ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ބައިޖޫ ބަވްރާ" ގެ ރޯލަކަށް ކިއާރާ އަދުވާނީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުންނަކީ ބަންސާލީގެ ފިލްމަކުން ފުރުސަތެއް ލިބޭނެ އިރެއްގެ އިންތިޒާރުގައި ހުރި ބަތަލާއެކެވެ. "ބައިޖޫ ބަވްރާ" އިން ކިއާރާ އަށް ފުރުސަތު ލިބުނު ވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެއީ އަދި ކަށަވަރު ވާހަކައަކަށް ނުވެ އެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކިއާރާ އަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ.
އުމުރުން 32 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި "ސަތިއަޕްރޭމް ކީ ކަތާ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ބައިޖޫ ބަވްރާ" ގެ މައިގަނޑު ކާސްޓުންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. މި ދެ ތަރިން އެކީގައި އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޖުލައި ޑައިރެކްޓަރު ކަރަން ޖޯހަރް ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ.

އާލިއާ އަކީ ބަންސާލީގެ މިދިޔަ އަހަރުގެ "ގަންގޫބާއީ ކަތިއަވާޅީ" ކުޅެގެން މި އަހަރު ނެޝަނަލް އެވޯޑް ވެސް ކަށަވަރުކޮށްފައިވާ ބަތަލާއެކެވެ. ރަންވީރު މީގެ ކުރިން ބަންސާލީގެ ތިން ފިލްމެއް ކުޅުނެވެ. އެއީ 2018 ގެ "ޕަދުމާވަތު" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން 2013 ގެ "ރާމް-ލީލާ" އެވެ.
މީޑިއާތަކުން ބުނާ ގޮތުން "ބައިޖޫ ބަރްވާ" ގެ ޝޫޓިން ފަށާނީ ބަންސާލީ މިހާރު ނެޓްފްލިކްސްއާ ގުޅިގެން ހަދަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ" ގެ މަސައްކަތް އެއްކޮށް ނިންމައިލުމަށް ފަހު އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އޭގެ މަސައްކަތް ނިމޭނެ ކަމަށްވެ އެވެ.
"ބައިޖޫ ބަވްރާ" އަކީ އެ ނަމުގައި 1952 ގައި ޑައިރެކްޓަރު ވިޖޭ ބަޓް ގެނެސްދިން މިއުޒިކަލް ރޮމޭންޓިކް ޑްރާމާ އަސްލަކަށް ބަލައިގެން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. ކުރީގެ ފިލްމުގެ ތަރިންނަކީ ބާރަތު ބުޝަން އާއި މީނާ ކުމާރީ އެވެ.