Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

ޗައިނާގެ ޖައްވީ ސްޓޭޝަންގެ ޖާގަ ބޮޑުކުރަނީ

ޖައްވީ މިޝަންތަކުގައި އެހެން ގައުމުތަކަށް ވެސް ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ޗައިނާގެ ޖައްވީ ސްޓޭޝަންގެ ޖާގަ ބޮޑުކުރަން ނިންމައިފި އެވެ.

މިކަން އެ ގައުމުން އިއުލާންކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އާޒަރުބައިޖާނުގެ ބަކޫގައި ފެށި 74 ވަނަ އިންޓަނޭޝަނަލް އެސްޓްރޮނޯޓިކް ކޮންގްރެސްގަ އެވެ. އޭގައި ޗައިނާ އެކަޑެމީ އޮފް ސްޕޭސް ޓެކްލޮނީ (ކާސްޓް) އިން ބުނީ ތިން މޮޑިއުލް އެކުލެވޭ ގޮތަށް މިދިޔަ އަހަރު ފުލް އޮޕަރޭޝަނަށް ގެނައު އެ ގައުމުގެ ޖައްވީ ސްޓޭޝަން، "ޓިއަންގޮން" ގެ ޖާގަ ހަ މޮޑިއުލް އަށް ކުރިއަށް އޮތް އަހަަރުތަކުގައި އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

މިހާރުގެ ތިން މޮޑިއުލް އެކުލެވޭ ސްޓޭޝަންގެ ޖާގަ އަކީ ތިން އެސްޓްރޮނޯޓުންނެވެ. އެކަމަކު އިތުރުކުރެވޭ މޮޑިލްލްތަކާ އެކީ ޖާގަ ހަޔެކަށް އިތުރުވާނެ އެވެ. ކާސްޓް އިން ބުނި ގޮތުގައި "ޓިއަންގޮން" ގެ މުއްދަތަކީ މިހާރު 15 އަހަރެވެ.

އެތަނުން ބުނި ގޮތުގައި މައިގަނޑު ގޮތެއްގައި މިހާރު އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން ބޭނުން ކުރަމުން އަންނަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ބޭނުން ކުރުން ހުއްޓައިލާތީ، ކުރިއަށް އޮތް ތަނުގައި ޗައިނާގެ ޖައްވީ ސްޓޭޝަނުން އެ ގައުމުތަކަށް ފުރުސަތު އޮންނާނެ އެވެ.

އައިއެސްއެސް އަށް ދުވަސްވެ، އެއަށް ފަހަކަށް އައިސް އެކި ކަހަލަ މައްސަލަތައް ވެސް ދިމާވެފައިވާތީ އެ ބޭނުން ކުރުން ހުއްޓާލައި، 2031 ގައި ޕެސިފިކް ކަނޑަށް އެ ވައްޓައިލާނެ އެވެ. އައިއެސްއެސް ބޭނުން ކުރަން ފެށީ 1998 ގަ އެވެ.

ރަޝިއާ އިން މިދިޔަ އަހަރު ވަނީ އެ މީހުންގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް ހަދަން ނިންމާފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. އެއީ ހަ މޮޑިއުލް އެކުލެވޭ، ހަތަރު އެސްޓްރޮނޯޓުންގެ ޖާގައާ އެކީގަ އެވެ.