Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފި

ރޮކެޓް ހަމަލާއެއް އަމާޒުވި ތަނެއްގައި އިޒްރޭލުގެ ސިފައިންނާއި ފުލުހުން- ފޮޓޯ: ރޮއިޓާސް

ފަލަސްތީނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން އިޒްރޭލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އެގޮތުން "އޮޕަރޭޝަން އަލް-އަޤްސާ ފްލަޑް"ގެ ދަށުން އިޒްރޭލަށް އަމާޒުކޮށް މިއަދު 5000 އަށް ވުރެއް ގިނަ ރޮކެޓް ހަމަލާ ދީފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އެހެންނަމަވެސް އެންޓި-މިސައިލް ސިސްޓަމްގެ ޒަރީއާއިން މީގެތެރެއިން ގިނަ ރޮކެޓްތައް އިޒްރޭލުން ވަނީ ހުއްޓުވާފައެވެ. ރޮކެޓް ހަމަލާތަކާ ގުޅިގެން އިޒްރޭލުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފައެވެ.

ރޮކެޓް ހަމަލާތަކާއެކު ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކުގެ ތެރެއަށް ވަދެގަނެ ބަޑީގެ ހަމަލާތައްވެސް ދީފައެވެ. އެގޮތުން އިޒްރޭލުގެ ސިފައިންނާއި އެމީހުންގެ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި މީގެބައެއް ހަމަލާތަކުގައި އިޒްރޭލުގެ އާންމުންނަށް އެކި ޒަހަމްތައް ލިބި ބައެއް މީހުން މަރުވެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން އަންނަނީ ފަލަސްތީނަށް އަމާޒުކޮށް ހަމަލާތައް ދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އިޒްރޭލުގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށް ވެސް ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިއީ މިފަހުން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން މިވަރުގެ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް އަމާޒުކޮށްދިން ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ފަލަސްތީނުގެ ބިންތައް ފޭރި، ރައްޔިތުންގެ ގެދޮރާއި މުދާ ނުހައްޤުން އަތުލަމުންދާއިރު އަދި ފަލަސްތީނުގެ ރައްޔިތުން މަރަމުންދާއިރު އެކަންކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ ބީރުކަންފަތެއް ދެމުންނެވެ.