ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖް ކުރުމާއި އިޔާދަ ކުރަނިވި ހަކަތަ އާ ބެހޭ ގޮތުން އިނގިރޭސިވިލާގެ ކޮންސަލްޓެންޓަކާ އެކު އައްޑު ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
ބުރާސްފަތި ދުވަހު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުގައި އިނގިރޭސިވިލާތުގެ ކޮންސަލްޓަންޓެއް ކަމަށްވާ ޔަދިވިންދަރް ސިންގް ސަރޯޔާ އާ އެކު އައްޑޫގެ ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމާއި ހަކަތަ އާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫކޭ ކޮންސަލްޓެންޓް ކައުންސިލާ ބައްދަލު ކުރީ އެންވަޔަރަމަންޓް މިނިސްޓްރީ ވެސް މެދުވެރިކޮށް ކަމަށެވެ.
"މިތަނުގައި އިންވެސްޓް ކުރުމުގެ ޝައުވެރިކަން ހުންނަ ފަރާތްތަކަށް އަބަދު ވެސް އެ ފުރުސަތު އޮންނާނެ. އެހެންވެ އެފަދަ ކަންކަމާ ގުޅޭ ގޮތުން ކޮންސަލްޓެންޓާ އެކު މަޝްވަރާ ކުރަނީ،" ސޯބެ ވިދާޅުވި އެވެ. "އުންމީދު ކުރެވޭ އެފަދަ ފަރާތްތަކާ އެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކުން އައްޑު އަށް ފައިދާ ކުރާނެ މަޝްރޫތަކެއް ލިބި ކުރިއަށް ދެވޭނެ ކަހަލަ ގޮތްތަކެއް ވާނެ ކަމަށް."