Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އިޒްރޭލުން ފަލަސްތީނުގެ 160 މީހަކު ޝަހީދުކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދިން ހަމަލާތަކުގައި 160 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ.

އިޒްރޭލުން ގާޒާ އަށް ވައިގެ ހަމަލާތަކެއް ދޭން ފަށާފައިމިވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ވައިގެ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ. ހަމާސް ޖަމާއަތުން ފޮނުވާލި ގިނަ ވައިގެ ހަމަލާތައް އިޒްރޭލުގެ އެންޓި-މިސައިލް ސިސްޓަމްގެ ޒަރިއްޔާ އިން ވަނީ ވައްޓާލާފަ އެވެ.

ފަލަސްތީނުގެ އޮފިޝަލުން ބުނިގޮތުގައި އިޒްރޭލުން ރައްދުގައި ގާޒާ އަށް ދިން ވައިގެ ހަމަލާތަކުގައި 161 މީހަކު މަރުވެ 1،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުން 40 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުން ވަނީ ހަމާސް ޖަމާއަތުން ދޭން ފެށި ހަމަލާތަކާ ގުޅިގެން މިހާތަނަށް އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ 17 ތަނަކަށް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފަ އެވެ.

ހަމާސް ޖަމާއަތުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެގައުމު މިހާރު އޮތީ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމައިގައި ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމާސް ޖަމާއަތުގެ ވެރިން މި ހަމަލާތަކުގެ އަގު ހީވެސް ނުކުރާ ފަދަ ގޮތަކަށް އަދާކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިއީ މިފަހުން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން މިވަރުގެ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް އަމާޒުކޮށްދިން ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ފަލަސްތީނުގެ ބިންތައް ފޭރި، ރައްޔިތުންގެ ގެދޮރާއި މުދާ ނުހައްޤުން އަތުލަމުންދާއިރު އަދި ފަލަސްތީނުގެ ރައްޔިތުން މަރަމުންދާއިރު އެކަންކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ ބީރުކަންފަތެއް ދެމުންނެވެ.