Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ސްކޭމްތަކާ ދެކޮޅަށް މާދަމާ ވެބިނާއެއް ބާއްވަނީ

ފަހަކަށް އައިސް މަކަރާއި ހީލަތް ހަދައިގެން ތަފާތު ގޮތްގޮތަށް މީހުންގެ އަތުން ފައިސާ ފޭރޭ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން މާދަމާ ވެބިނާއެެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްއެންޑީއޭ) އިން އިންތިޒާމުކޮށްގެން "ޕްރޮޓެކްޓިން ޔޯ ސޭވިންސް އެންޑް އިންވެސްޓްމަންޓްސް ފްރޮމް ފްރޯޑްސް އެންޑް ސްކޭމް" ގެ ނަމުގައި މި ވެބިނާ ބާއްވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މި ވެބިނާ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 10:00 އިން 11:30 އަށެވެ.

ޒޫމް މެދުވެރިކޮށް ބާއްވާ މި ވެބިނާގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށް މިހާރު އޮތީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފަ އެވެ.

ވެބިނާގައި ކަމާ ގުޅުން ހުރި އެކި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެ، މައުލޫމާތު ހިއްސާކުރައްވާނެ އެވެ.

ތަފާތު ގޮތްގޮތަށް ހިންގާ ސްކޭމްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ މިކަމަށް އާންމުން ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކްތަކާއި ފުލުހުން ވެސް އަންނަނީ ތަކުރާރުކޮށް އިލްތިމާސް ވެސް ކުރަމުންނެވެ.