ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ މަދޫބާލާގެ ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކުރާނީ ޖަސްމީތު ކޭ ރީން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ޕްރޮޖެކްޓާ ގުޅުން ހުރި ބަޔަކާ ހަވާލާދީ ޕިންކްވިލާ އިން ބުނީ އަންނަ އަހަރު މީގެ ޝޫޓިން ފެށުމަށް ވެސް ޕްލޭން ކުރަމުން އަންނަ ކަމަށާއި ފިލްމުގައި މަދޫބާލާގެ ރޯލު ކުޅޭނެ ބަތަލާ އަކު ފައިނަލްކުރުމުގެ މަޝްވަރާތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ ޑައިރެކްޓަރު ޖަސްމީތަކީ މިދިޔަ އަހަރު ރިލީޒްކުރި އާލިއާ ބަޓްގެ "ޑާލިންސް" ގެ ޑައިރެކްޓަރެވެ. މިއީ ސްކްރީން ރައިޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޖަސްމީތު ޑައިރެކްޓްކުރި ފުރަތަމަ ފިލްމު ވެސް މެ އެވެ.
ރީތިކަމާއި މޮޅު ހުނަރުގެ ސަބަބުން އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދި މަދޫބާލާ އަކީ ހިންދީ ސިނަމާގައި 1950 އާއޮ 1960 ގެ ތެރޭގައި އެންމެ ވިދި އެއް ބަތަލާ އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި މުގްލޭ އާޒަމް (1960)، ޗަލްތީ ކާ ނާމް ގާޅީ (1958)، މެހެލް (1949) އަދި "މިސްޓް އެންޑް މިސިޒް 55 (1955) ފަދަ ކާމިޔާބު އެތައް ފިލްމެއް ހިިމެނެ އެވެ.
މަދޫބާލާގެ އެންމެ ފަހު ފިލްމަކީ މަރުވި ފަހުން 1971 ގައި ރިލީޒް ކުރި "ޖުވާލާ" އެވެ.
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ/އެކްޓަރު ކިޝޯރް ކުމާރާ ކުރި ކައިވެނި ވެސް ރޫޅި، ރަލަށް ދެވި ހިފައި އުމުރުން އެންމެ 36 އަހަރުގައި މަދޫބާލާ ވަނީ 1969 ގައި މަރުވެފަ އެވެ.
އޭނަގެ ބައޮޕިކް ހަދަން ނިންމާފައި ވަނީ ކޮއްކޮ މަދޫރު ބްރިޖް ބުޝަންގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ފިލްމު ހަދާނީ މަދޫބާލާ ވެންޗާޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އުފައްދާފައިވާ ޕްރޮޑަކްޝަން ހައުސް އާއި ބްރޫވިން ތޯޓްސް ޕްރައިވެޓް ލިމިޓެޑް ގުޅިންގެންނެވެ.
މަދޫބާލާގެ ބައޮޕިކެއް ހަދާ އިރު، ކުރީގެ މަޝްހޫރު ބަތަލާ މީނާ ކުމާރީގެ ވާހަކަ ކިޔައިދޭ ފިލްމެއް ވެސް ހަދަން ނިންމާފައިވެ އެވެ. ކްރިތީ ސެނަންގެ ބަތަލާގެ ރޯލު ކުޅޭނެ ކަމަށް ބެލެވޭ މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ އެވެ.