އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސްކޮޓް މެކްޓޮމިނޭ ބެންޗުން އަރައި ޖެހި ދެ ގޯލުން، މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ބްރެންޓްފޯޑް ބަލިކޮށްފި އެވެ.
މި މެޗަށް ނިކުތްއިރު އެންމެފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑް އޮތީ ބަލިވެފަ އެވެ. އެއީ ބްރައިޓަން އަދި ކްރިސްޓަލް ޕެލެސް އަތުންނެވެ.
މި މޮޅާއެކު ޔުނައިޓެޑް މިހާރު އޮތީ 8 މެޗުން ލިބުނު 12 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ. ބްރެންޓްފޯޑް އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގެ 26 ވަނަ މިނެޓްގައި ޔެންސެންގެ ގޯލުން ބްރެންޓްފޯޑުން ވަނީ ލީޑު ނަގައިފަ އެވެ. ޔެންސެން މި ގޯލު ކާމިޔާބު ކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ތިރިން ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލާއެކު ބްރެންޓްފޯޑް މެޗުން މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި މެކްޓޮމިނޭ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ބްރެންޓްފޯޑުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން މެކްޓޮމިނޭ ވަނީ މި މެޗުން ޔުނައިޓެޑް މޮޅުކޮށްދީ އެޓީމަށް މުހިއްމު ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވި ދެ ގޯލު މެކްޓޮމިނޭ ކާމިޔާބުކޮށްދިން އިރު އޭނާ މި މެޗުގައި ކުޅެން އެރީ މެޗުގެ 87 ވަނަ މިނެޓްގަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީން ވަނީ ފަހަތުން އަރައި 4-1 އިން ބާންލީ ބަލިކޮށްފަ އެވެ. ޓޮޓެންހަމުން 1-0 އިން ލޫޓަން ޓައުން ބަލިކުރިއިރު އެވަޓަން އިން ވަނީ 3-0 އިން ބޯންމަތްގެ މައްޗަށް ކުރި ހޯދާފަ އެވެ. އަދި ފުލަމް އިން ވަނީ ޝެފީލްޑް ޔުނައިޓެޑް 3-1 އިން ބަލިކޮށްފަ އެވެ.