އިޒްރޭލާއި ދެކޮޅަށް ދޭން ފަށާފައިވާ ހަމަލާތަކުގައި ކާމިޔާބު ލިބުން އޮތީ ދާދި ގާތުގައި ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވެއްޖެ އެވެ.
ހަމާސް ޖަމާއަތުން އިޒްރޭލަށް ވައިގެ ހަމަލާތަކެއް އިއްޔެ ކުއްލި ގޮތަކަށް ދޭން ފަށާފައިވާއިރު އިޒްރޭލުން ވަނީ ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 230 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ހަނިއްޔާ ވިދާޅުވީ ކާމިޔާބު އޮތީ ދާދި ގާތުގައި ކަމަށާއި ހަމާސް ޖަމާއަތުން ފަލަސްތީނުގެ ގާޒާގެ ކޮންޓްރޯލް އަލުން އަނބުރާ ހޯދާނެ ކަމަށެވެ. އަދި އިޒްރޭލާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނުގައި ފަލަސްތީނުގެ ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށާއި މި އޮޕަރޭޝަން ނިންމާނީ ކާމިޔާބު ހޯދުމަށްފަހު ކަމަށް ވެސް ހަނިއްޔާ ވިދާޅުވި އެވެ.
މީގެއިތުރުން މުޅި ދުނިޔެ ހަމަ ހިމޭންކަމުގައި އޮތަސް އިރުމަތީ ގުދުސް އާއި އަގްސާ މިސްކިތުގައި އިޒްރޭލުން ހިނގަމުންދާ ޖަރީމާތައް ބަލަން ހަމާސް ޖަމާއަތް ނުތިބޭނެ ކަމަށްވެސް ހަނިއްޔާ ވިދާޅުވި އެވެ. އަދި އަވަސް އަރުވާލައިގެން އިޒްރޭލާއި ގުޅުން ގާއިމުކުރަން މަސައްކަތް ކުރަމުންދާ އަރަބި ގައުމުތަކަށް ފަލަސްތީނަށް ސުލްހަ ގެނެސް ނުދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ހަމާސް ޖަމާއަތުން އިޒްރޭލަށް އަމާޒުކޮށް 7،000 ރޮކެޓު ހަމަލާ ފޮނުވާލާފައިވާއިރު، ހަމާސް އިން ފަށާފައިވާ އޮޕަރޭޝަނުގައި ފަލަސްތީނުގައި ތިބި ބައެއް ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. މިއީ މިފަހުން އިޒްރޭލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.
މި ހަމަލާތައް އިޒްރޭލަށް ދޭން ފެށީ މިދިޔަ ހުކުރު ދުވަހު ފަލަސްތީނުގެ ޒުވާނެއްގެ ޖަނާޒާ އަށް ހާޒިރުވި ފަލަސްތީނުގެ ރައްޔިތުންތަކަކަށް އިޒްރޭލުން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 50 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.