ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ 4-0 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް އަރައިފި އެވެ.
މި މޮޅާއެކު ރެއާލް އެއްވަނައިގައި އޮތީ 9 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 22 ޕޮއިންޓާ އެކު ޖިރޯނާ އޮތްއިރު ތިންވަނައިގައި 8 މެޗު ކުޅެގެން ލިބުނު 20 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.
ރޭގެ މެޗުގައި ރެއާލް އިން ލީޑު ނެގީ މެޗުގެ 9 ވަނަ މިނެޓްގަ އެވެ. އޮސަސޫނާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން މި ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޒުވާން މިޑްފީލްޑަރު ޖޫން ބެލިންހަމް އެވެ. އަދި މެޗުގެ 54 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ބެލިންހަމް އެވެ.
ބެލިންހަމް ،20، ރެއާލަށް ބަދަލުވީ މިދިޔަ ޓްރާންސްފާ މާކެޓުގައި 88.5 މިލިއަން ޕައުންޑަށް ކަމަށްވާއިރު، އޭނާ ވަނީ ރެއާލަށް ކުޅެދިން 10 މެޗުގައި 10 ގޯލު މިހާތަނަށް ކާމިޔާބުކޮށްފަ އެވެ.
ރެއާލްގެ ތިންވަނަ ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓް ފަހުން ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޖޮސެލޫ އެވެ.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ސެވިއްޔާއާ އެވެ.