މިދިޔަ މަހު ޝޫޓިން ފެށި އަޖޭ ދޭވްގަންގެ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" ގެ ކާސްޓާ ކަރީނާ ކަޕޫރް ވެސް ގުޅިއްޖެ އެވެ.
އިއްޔެ އޭނަ ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް، ފެވަރިޓް ޑައިރެކްޓަރާ އެކީ ހަތަރު ވަނަ ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ އުފަލެއް ކަމަށް ބުނެފަ އެވެ. "ސިންގަމް އެގެއިން" އަކީ ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމެކެވެ.
މީގެ ކާސްޓާ ކަރީނާ ގުޅުނު އިރު، އޭނަ އަކީ 2011 ގެ "ސިންގަމް" ގެ ސީކްއެލް 2014 ގެ "ސިންގަމް ރިޓާންސް" ގެ ވެސް ބަތަލާ އެވެ. ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި މިސްޓްރީ ތުރިލާ "ޖާނެ ޖާ" އެވެ.
"ސިންގަމް އެގެއިން" ގެ ކާސްޓަށް ބަލާ އިރު، މީގެ ފުލުހެއްގެ ރޯލު ދީޕިކާ ޕަދްކޯން ވެސް ކުޅޭނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަގެ ކެރެކްޓާ އަކީ އަޖޭގެ ކޮއްކޮއެއްގެ ރޯލެވެ. އަދި ދީޕިކާގެ ރޯލު ސިފަކޮށްފައި ވަނީ "ލޭޑީ ސިންގަމް" ގެ ގޮތުގަ އެވެ.
މިދިޔަ މަހު މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ސިންގަމް އެގެއިން" ގެ ވިލަން އަކީ އަރުޖުން ކަޕޫރެވެ. އެކަމަކު ރޯހިތު އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. މި ފިލްމުން ރޯހިތު ކޮޕް ޔުނިވާސްގައި ހިމެނޭ އަނެއް ދެ ފިލްމު ކަމަށްވާ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްގެ "ސިމްބާ" ގައި އޭނަ ކުޅުނު ކެރެކްޓާ އާއި "ސޫރިއަވަންޝީ" ގައި އަކްޝޭ ކުމާރު ކުޅުނު ފުލުސް ކެރެކްޓާއާ އެކީ އެ މީހުން އަޖޭއާ އެކީ ފެންނާނެ އެވެ.
"ސިންގަމް އެގެއިން" ސިނަމާތަކަށް އަންނަ އަހަރުގެ އޮގަސްޓް މަހުގެ މެދުތެރޭގަ އެވެ.