Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ކަންގަނާ އަކީ މި ފަހަރު އަސްކަރީ ޕައިލެޓެއް

އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލު ބަތަލާ ކަންގަނާ ރަނާވަތު ކުޅެފައިވާ ވަތަނީ ފިލްމު "ތޭޖާސް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާގެ މޮޅު އެކްޓިންއެއް ފެންނާނެ މި ފިލްމު މި މަހުގެ 27 ގައި ސިނަމާތަކަށް ގެންނާނެ އެވެ. "ތޭޖާސް" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އަދި އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވިކީ ކޯޝަލަކަށް ލިބުނު 2019 ގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ގެނެސްދޭ ފިލްމެކެވެ. އޭނަ އަކީ ކަންގަނާ އަށް ފުރަތަމަ ނެޝަނަލް އެވޯޑް ލިބުނު 2008 ގެ "ފެޝަން" ގެ ވެސް ޕްރޮޑިއުސަރެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތޭޖާސް" އަކީ ސަރުވޭޝް މެވާރާ ލިޔެ، ޑައިރެކްޓްކުރި އެއްޗެކެވެ.

މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، ކަންގަނާ ޑައިރެކްޓްކޮށް، ކުޅުނު ދެވަނަ ފިލްމު "އިމަޖެންސީ" އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހޮފައިވެ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދޮޔަ މަހު ރިލީޒްކުރި "ޗަންދުރަމުކީ 2" އިންނެވެ.