ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލައިގެން ނޫނީ ގައުމަށް ހަމަޖެހުން ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގައި ތިބުމަށްފަހު ދަ ޑިމޮކްރެޓްސްގެ ނަމުގައި ވަކި ޕާޓީއެއް ހަދާ އެމްޑީޕީން ވަކިވި މެންބަރުންގެ ތެރޭގައި ހިމެނޭ އިމްތިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަމާއި ކޮރަޕްޝަން ބަލަން އައި ސަރުކާރެއްކަމަށް ބުނެ، ވެރިކަމަށް އައުމަށް ފަހު އެމްޑީޕީ ވައްކަމުގެ ނެޓްވޯކަކަށް ބަދަލުކޮށްލި ކަމަށެވެ.
ރައީސް ސޯލިހްގެ ސަރުކާރުގެ 5 އަހަރަކީ ވައްކަމުގެ 5 އަހަރު ކަމަށާއި، އެހެންކަމުން މޫނެއް ކަނދުރާއެއް ބެލުމެއް ނެތި އެ މައްސަލަތައް ބަލައިގެން ނޫނީ ޤައުމުގެ ހަމަޖެހުން ނުލިބޭނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް މިފަދައިން ވިދާޅުވެފައިވާއިރު ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރެޓްސް އިން އަބަދުވެސް ވަކާލާތު ކުރަމުން އައި އެއް ކަމަކީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އިތުބާރު ހިފޭ ގޮތަކަށް ބަލަންޖެހޭނެ ކަމުގެ ވަކާލާތު ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހާއި އެމްޑީޕީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަންޖެހޭކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ޑިމޮކްރެޓްސްގެ މެންބަރުން ގޮވާލާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީގެ މެންބަރުން އަނެއްކާވެސް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.