"އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ސްޓެލްކޯގައި ހިންގުމަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ހިންގުމަށް ހަމަޖެހިފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ 5 ވަނަ ފަންގިފިލާގައި ކަމަށެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބުވުމާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" މި ނަމުގައި އިދާރާއެއް ރައީސް ސޯލިހް އުފައްދަވާފައިވަނީ 2023 އޮކްޓޫބަރު 5 ވަނަ ދުވަހުއެވެ.
މީގެއިތުރުން އިންތިގާލީ މަރުހަލާގެ ކަންކަން ބެލެހެއްޓުމަށް "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަގާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ހަމަޖައްސަވާފައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ، ސެކްރެޓެރީ ކޯޕަރޭޓް ސަރވިސް، ހުސައިން އާމިރެވެ.
ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައިސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ. އަދި ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 129،159 ވޯޓާއެކުއެވެ.