Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

ޕީޖީގެ އެދުމަށް ޔާމީންގެ އަޑުއެހުން ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި-

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން މިއަދަށް ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައިއޮތީ މިއަދު މެންދުރު 02:00 އަށެވެ. އެހެންނަމަވެސް ޕީޖީގެ އެދުމަކަށް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާކަމަށް ހައިކޯޓުން މައުލޫމާތުދީފައިވެއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ޔާމީންގެ މައްޗަށް ސާބިތުވި މަނީލޯންޑްރިންގެ މައްސަލައިގެ އަޑުއެހުމެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފަނޑިޔާރުންގެ ސުވާލުތަކުގެ މަރުހަލާއެވެ.

ރިޔާސީ އިންތިހާބު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޔާމިން މިހާރު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުގައި ކުރިއަށްދާއިރު ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ވެސް އަންނަނީ ހިނގަމުންނެވެ.