ސްރީ ލަންކާ އިން ރާމާމަކުނު ބޭނުންވެގެން އެދޭ ގައުމުތައް އިތުރުވަމުން އަންނަ ކަމަށް އެ ގައުމުގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މަހިންދަ އަމަރަވީރާ ވިދާޅުވެއްޖެ އެވެެ.
މި އަހަރުގެ ކުރީކޮޅު ލަންކާ އިން ޗައިނާގެ އެދުމަކަށް އެ ގައުމަށް ލައްކައެއްހާ މަކުނު ބޭރުކުރަން ނިންމި އެވެ. ނަމަވެސް ތިމާވެއްޓާއި ޖަނަވާރުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްކޮށް ހުއްޓުވައި ދޭން ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމާ ގުޅިގެން ލަންކާ އިން އޮތީ ޗައިނާ އަށް މަކުނު ފޮނުވުން މަޑުޖައްސާލައިފަ އެވެ.
މި މައްސަލާގައި ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަމަރަވީރާ ވިދާޅުވީ ލަންކާ އިން ގިނަ އަދަދަކަށް ރާމާމަކުނު ބޭރު ކުރަން ނިންމީ އެ އެއްޗެހީގެ ފަރާތުން ދަނޑުވެރިންނަށް ލިބެމުންދާ ގެއްލުންތަކާ ހެދި އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ. އެހެންވެ އެކަމުގައި އާންމުންގެ މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަމަރަވީރާ ވިދާޅުވީ ބައެއް ގައުމުތަކުގެ ޒޫތަކަށް ލަންކާ އިން މަކުނު ގެންދަން ބޭނުންވެގެން އެފަދަ ހުށަހެޅުންތައް ވެސް ލިބެމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ކޮންކޮން ގައުމުތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ލަންކާގެ އުޅޭ މަކުނު އާބާދީ ތިން މިލިއަނަށް އަރަ އެވެ.
ޗައިނާ އަށް މަކުނު ފޮނުވަން އުޅުނު މައްސަލައާ ދެކޮޅަށް ނުކުތް ޖަމިއްޔާތަކުގެ ތެރޭގައި ވައިލްޑް ލައިފް އެންޑް ނޭޗާ ޕްރޮޓެކްޝަން ސޮސައިޓީ އޮފް ސްރީ ލަންކާ، ރެސްކިއު އެނިމަލްސް ސްރީ ލަންކާ، ރެއާ ސްރީ ލަންކާ އަދި ޖަސްޓިސް ފޯ އެނިމަލްސް ހިމެނެ އެވެ.