Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

މި ދައުރުގައި ވައްކަމާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނު

މެންބަރު ޔާސިރު އަބްދުއްލަތީފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވައްކަމާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނު ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސީރް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަން ބަލަންޖެހޭނެ ކަމަށާއި އެއީ މިދައުރުގައި ކުރި ވައްކަމެއް ނަމަވެސް ނުވަތަ ނިމިދިޔަ ދައުރު، އަދި އޭގެ ކުރީ ދައުރަށް ވީނަމަވެސް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާނަމަ އެކަންކަން ބެލި އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

"ފެންނަން އޮތް ހަގީގަތަކީ މިދައުރަކީ ވައްކަމާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ، ވައްކަންތައް ހާމަކުރުމަށް ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރުންނަށް ވެސް، އާންމުން ރައްޔިތުނަށްވެސް، ނޫސްވެރިންނަށް ވެސް އެންމެ ބޮޑަށް ފުރުސަތު ލިބިގެންދިޔަ ފަސް އަހަރުކަން." ޔާސިރު ވިދާޅުވިއެވެ.

ޔާސިރް ވިދާޅުވީ ވައްކަމާއި ދެކޮޅުވާން ޖެހޭނީ ދައުލަތުގެ މަގާމުގައި ނުހުންނަ އިރު އެކަނި ނޫން ކަމަށާއި އަދި ބަލަން ޖެހޭނީ ވަކި މީހަކު، ވަކި ދައުރެއްގައި ކުރާ ވައްކަންވެސް އެކަނި ނޫންކަމަށެވެ.

ޔާސިރް މިފަދައިން ޓްވީޓް ކުރައްވާފައިމިވަނީ ޑިމޮކްރެޓްސްގެ މެންބަރުން މި ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބެލުމަށް ގޮވާލާ ޓްވީޓް ކުރައްވަމުން ދަނިކޮށެވެ. ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ޑިމޮކްރެޓްސްގެ މެންބަރުން ގޮވާލާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީގެ މެންބަރުން އަނެއްކާވެސް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.