Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ބަޖާޖާއި ޕްރޭނާ ގެނެސްދިނީ ސެންޓް އިޝްތިހާރެއް

ސްޓާ ޕްލަސްގެ އިން ގެނެސްދިން ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ބަޖާޖްގެ ރޯލު ކުޅުނު ރޯނިތު ރޯއި އާއި ޕްރޭނާގެ ރޯލު ކުޅުނު ޝްވޭތާ ތިވާރީ އެކީގައި ފެންނަ ސެންޓް އިޝްތިހާރެއް ދައްކާލައިފި އެވެ.

މި ދެ މީހުން އެކީގައި ފެންނަން އުޅޭކަމުގެ އިޝާރާތެއް ދިނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެއާ އެކީ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ބަޖާޖާއި ޕްރޭނާ އަލުން ސިލްސިލާއަކަށް އަންނަނީ ކަމަށެވެ. އެކަމަކު ކަންތައްވީ އެހެނެއް ނޫނެވެ. ދެ ތަރިން އެކީގައި ބެލުންތެރިންނަށް ދޫކޮށްލީ "އެންގޭޖް" ކިޔާ ސެންޓެއްގެ އިޝްތިހާރެވެ. މި އިޝްތިހާރުން ވެސް ބަޖާޖާއި ޕްރޭނާގެ ލޯބި ކެމިސްޓްރީ ފެނިގެން ދެ އެވެ. އިޝްތިހާރު ދެ ތަރިންގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

ރޯނިތު ބަޖާޖުގެ ރޯލު އަދި ޝްވެތާ ޕްރޭނާގެ ރޯލު ކުޅުނު "ކަސޯޓީ" އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް 2001-2008 އަށް ގެނެސްދިން ވަރަށް މަޝްހޫރުވި ސިލްސިލާއެކެވެ.

ރޯނިތު، 57، އަކީ މިހާރު ވެސް ސިލްސިލާތަކާއި ފިލްމުތަކުން ވެސް ވަރަށް އާންމުކޮށް ފެންނަ އެކްޓަރެކެވެ. މިދިޔަ އަހަރު ކަލާސްގެ "ސްވަރަން ގަރް" ސިލްސިލާ ކުޅުނު އެކްޓަރު އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ޖޫންގައި ގެނެސްދިން ޝާހިދު ކަޕޫރްގެ "ބްލަޑީ ޑެޑީ" އެވެ.

ޝްވެތާ، 43، ގެ އެންމެ ފަހުގެ ސިލްސިލާ އަކީ މި އަހަރުގެ ޖޫންގައި ޒީ ޓީވީން ނިންމައިލި "މޭ ހޫ އަޕަރްޖީތާ" އެވެ. އޭނަގެ ދޮށީ ދަރިފުޅު ޕަލަކް ތިވާރީ، 22، އަކީ މިހާރު ބޮލީވުޑްގެ ބަތަލާއެކެވެ. އޭނަގެ ފުރަތަމަ ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި ސަލްމާން ޚާންގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އެވެ.