ފެސްޓިވަލެއްގައި ފިލްމެއްގެ ޕްރީމިއާ އަށް ގޮސް އުޅެނިކޮށް އިޒްރޭލަށް ހަމާސް އިން ދިން ވަރުގަދަ ހަމަލައާ ގުޅިގެން މިހާރު ޕަލަސްތީނާ އެކީ ހަނގުރާމައެއްގެ ތެރެގައި އޮތް އިޒްރޭލުގައި ތާށިވި އިންޑިއާގެ ބަތަލާ ނުޝްރަތު ބަރޫޗާ މިއަދު އެނބުރި އިންޑިއާ އަށް ގޮސްފި އެވެ.
އޭނަ ގައުމަށް ދިޔައީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ނުޝްރަތު އިންޑިއާ އަށް ދިއުމުގެ ކުރިން އިޒްރޭލުގެ މައްސަލަގަނޑާ އެކީ އޭނައާ ގުޅުން ކެނޑި ނުޝްރަތަށް ވީނުވީ ނޭނގޭ ކަމަށް އޭނަގެ ޓީމުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުނެވެ.
ނަމަވެސް މިއަދު މެންދުރު އިންޑިއާ އެމްބަސީ މެދުވެރިކޮށް ނުޝްރަތާ ގުޅުނު ކަމަށާއި އޭނަގެ ހާލު ރަނގަޅަށް ކަމަށް ބުނެފައިވެ އެވެ.
"ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ޕިޔާރު ކާ ޕަންޗްނާމާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު ނުޝްރަތު އިޒްރޭލަށް ދިޔައީ ހައިދާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އޭނަގެ އެންމެ ފަހުގެ ފިލްމު "އަކޭލީ" ގެ ޕްރީމިއާއަށެވެ.