Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ސީޒަން އެކްޓިން އިިން ބްރޭކަކަށް!

ރާއްޖޭގެ މަޝްހޫރު ފިލްމި ތަރި އަލީ ސީޒަން ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގަން ނިންމައިފި އެވެ.

އޭނަ މިއަދު ބުނީ "ކަންކަން މިހާރު ހުރި ގޮތުން ކުޑަ ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކާ ދުރުވަނީ" ކަމަށެވެ. އެހެންވެ މިއީ ފިލްމީ ދާއިރާ ދޫކޮށްލުމެއް ނޫން ކަމަށާއި އެހާ ގިނަ ދުވަހު މަސައްކަތްކޮށް، ލޯބި ޖެހިފައިވާ ދާއިރާއެއް ދޫކޮށްލުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ބްރޭކެއް ނަގަން ނިންމި ސީދާ ސަބަބެއް ސީޒަން ހާމައެއްނުކުރެ އެވެ.

އޭނަ އަކީ މި ފަހުން ސިޔާސީ ހަރަކާތްތަކުން ފެންނަމުން އަންނަ މީހެކެވެ. އެގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ބައެއް އިވެންޓްތަކުން ސީޒަން ފެނިފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރި ސީޒަނަކީ އެމްޑީޕީ އަށް ނިސްބަތްވާ ކުރީގެ މަޝްހޫރު ފިލްމީ ތަރި ރީކޯ މޫސާ މަނިކާ އާއިލީ ގޮތުން ގާތް މީހެކެވެ.

ސީޒަނަކީ ރާއްޖޭގައި ފިލްމު ކުޅެމުން، ޑައިރެކްޓްކުރުމުގެ އިތުރަށް ފިލްމު ޕްރޮޑިއުސް ކުރުމުގައި ވެސް ހިއްސާވާ ވަރަށް ފާހަގަކޮށްލެވޭ މީހެކެވެ. އޭނަގެ އެސް ޕްރޮޑަކްޝަނުން މި އަހަރު ދެ ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ޑައިރެކްޓްކޮށް ކުޅުނު "ލޯބިވެވިއްޖެ" ގެ އިތުރުން ސްރީ ލަންކާގެ ކާސްޓެއް ހިމަނައިގެން ޑައިރެކްޓްކޮށް، ގެނެސްދިން "ކައުޝި" އެވެ.

ސޒަން، 46، ފިލްމީ މަސައްކަތްތަކުން ބްރޭކަކަށް ދާން ނިންމި އިރު، އޭނަގެ "ލޯބިވެވިއްޖެ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ބައެއް ހަދަން ވެސް އޮތީ އިއުލާންކޮށްފަ އެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި ބިރުވެރި ފިލްމު "ކަޅަކި" އެވެ.

ސީޒަންގެ ފުރަތަމަ ފީޗާ ފިލްމަކީ ރީކޯ މޫސަ އާއި ޖަމްޝީދާ އަހުމަދާ އެކީ ކުޅުނު 2000 ވަނަ އަހަރުގެ "2000 ވަނަ އުފަން ދުވަސް" އެެވެ. އޭގެ ފަހުން އޭނަ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ހިތް އެދެނީ"، "ގިނިހިލަ"، "ޒުލޭހާ"، "ޖިންނި"، "14 ވިލޭރޭ"، "މި ހަށިން ފުރާނަ ދަންދެން" އަދި "ލަވް ސްޓޯރީ" ހިމެނެ އެވެ.

ސީޒަން ޑައިރެކްޓްކޮށް، ކުޅުނު ފިލްމުތަކުގެ ތެރޭގައި "މާފެއް ނެތް"، "ކަރުނަވީ ބޭވަފާ"، "ވަތަން"، "އަހުޝަމް" އަދި "ވަފާތެރި ކެހިވެރިޔާ" ހިމެނެ އެވެ. ސީޒަނަކީ ބައެއް ޑްރާމާތަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތައް ވެސް ކުޅެފައިވާ އެކްޓަރެކެވެ.