އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ އާސެނަލުން 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.
މި މޮޅާއެކު އާސެނަލް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ޓޮޓެންހަމްއާ އެއްވަރަށް ޕޮއިންޓް ހޯދައި ދެ ވަނަ އަށް ޖެހިލައިފަ އެވެ. އަށް މެޗު ކުޅެ ނިމުނުއިރު ޓޮޓެންހަމް އާއި އާސެނަލަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ އަށް މެޗުން 18 ޕޮއިންޓެވެ.
އާސެނަލަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ގެބްރިއެލް މާޓިނެލީ އެވެ. މާޓިނެލީ މި ގޯލު ޖެހީ އޭރިއާ ރޮނގު ކައިރިން ކަހަލަ ގޮތަކަށް ފޮނުވާލި ހަމަލާއަކުންނެވެ. މާޓިނެލީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސިޓީގެ ޑިފެންޑަރު ނޭތަން އަކޭ ގައިގައި ޖެހިފަ އެވެ.
މެޗުގެ ކުރީކޮޅު ސިޓީ އަށް ލީޑު ނަގަން އަކޭ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މިއީ 2015 ވަނަ އަހަރަށް ފަހު ލީގުގައި ސިޓީ އަތުން އާސެނަލަށް ހޯދުނު ފުރަތަމަ މޮޅެވެ. އަދި މިއީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ސިޓީން ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ސިޓީ ވަނީ މިދިޔަ ހަފްތާގައި ލީގުގައި ވުލްވްސް އަތުން 2-1 އިން ބަލިވެފަ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލް އާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ނިއުކާސަލް އާއި ވެސްޓްހަމް ބައްދަލުކުރި މެޗު ވެސް 2-2 އިން ނިމުނުއިރު އެސްޓަންވިލާ އާއި ވުލްވްސްގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.