Last Updated: May 9, 16:04
Friday, May 9, 2025
ޚަބަރު

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުބޭއްވުނު

މަޖިލިސް ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުން ނުބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާ ކޮށްފައިވަނީ 09:00 ގައެވެ. އެހެންނަމަވެސް ކޯރަމް ހަމަނުވުމުން ގަޑިއަށް ޖަލްސާ ފެށިފައެއް ނުވެއެވެ.

އެހެންކަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުބޭއްވުމަށް ނިންމަވާ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ދެ ސަފީރަކު ހަމަޖެއްސުމަށް ރައީސުލްޖުމްހުރިއްޔާ ފޮނުއްވާފައިވާ މައްސަލައަކާއި، މެޖިސްޓްރޭޓަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ފޮނުވާފައިވާ މައްސަލައަކާއި ސަރުކާރުން ހުށަހަޅާފައިވާ ބިލްތަކުގެ ބަހުސްގެ ނުނިމި ހުރި މަސައްކަތް ކުރުމެވެ.

މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ވަރަށް ކޯރަމެއް ނުލިބެއެވެ. އެގޮތަށް ދިމާވަނީ އެމްޑީޕީގެ ގިނަ މެންބަރަކުންތަކެއް ޖަލްސާއަށް ހާޒިރުނުވާތީއެވެ.