Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ޝާހްރުކަށް އިންޒާރުދޭތީ ސެކިއުރިޓީ ވަރުގަދަކޮށްފި

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާނަށް މަރުގެ އިންޒާރު ލިބެމުންދާތީ އޭނަގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އިން ބުނީ 57 އަހަރުގެ އެކްޓަރަށް މަރުގެ އިންޒާރު ލިބެން ފެށީ މި އަހަރު ރިލީޒްކުރި އޭނަގެ ދެ ފިލްމު ކަމަށްވާ "ޖަވާން" އާއި "ޕަތާން" ގެ ބޮޑު ކާމިޔާބީ އަށް ފަހު ކަމަށެވެ. އެގޮތުން އެ ދެ ފިލްމު ރިލީޒްވި ފަހުން މަރުގެ އިންޒާރުތައް ފޯނު ކޯލުތަކުން ލިބެމުންދާ ކަމަށް ބުނެ އެ މައްސަލަ މަހާރަޝްތުރާގެ ސްޓޭޓް ސަރުކާރުގެ ސަމާލުކަމަށް ލިޔުމަކުން ޝާހްރުކް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން މިހާރު އެ ސްޓޭޓްގެ ސްޓޭޓް އިންޓެލިޖެންސް ޑިޕާޓްމަންޓް (އެސްއައިޑީ) އެކަން އެ ސަރަހައްދުގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. މިއާ އެކީ ޝާހްރުކް ސެކިއުރިޓީ ފުލުހުން ވަރުގަދަކޮށް، އޭނަގެ ސެކިއުރިޓީ ވައި ޕްލަސް ކެޓަގަރީ އަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. މި ބަދަލާ އެކީ އޭނަގެ ސެކިއިރިޓީ އަށް 11 އޮފިސަރަކު ހަރަކާތްތެރިވާނެ އެވެ. އޭގެ ތެރޭގައި ހަތަރު ފުލުހުންނާއި ހަ ކޮމާންޑޯސްގެ އިތުރުން ޓްރެފިކް ކްލިއަރެންސް އޮފިސަރަކު ހިމެނޭނެ އެވެ.

މީގެ އިތުރުން މުމްބާއީގައި ހުންނަ ޝާހްރުކްގެ ގެ، މަންނަތުގެ ކައިރީ ފުލުހުން 24 ގަޑިއިރު ފޯރި މަރާނެ އެވެ.

މިދިޔަ މަހު ރިލީޒްކުރަން "ޖަވާން" އާއި ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" ވެފައި ވަނީ އިންޑިއާގެ ބޮކްސް އާ ރެކޯޑްތަކެއް ހެދި އަދި ވިޔާރީގެ ގޮތުން ޝާހްރުކްގެ ކެރިއަރުގެ އެންމެ ކާމިޔާބު ދެ ފިލްމަށެވެ. މި ދެ ފިލްމަށް ފަހު މި އަހަރުގެ ޑިސެމްބަރު 22 ގައި އޭނަގެ "ޑަންކީ" ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.

އަންޑަ-ވޯލްޑަށް ނިސްބަތްވާ މީހުން ފިލްމީ ތަރިންނަށް އިންޒާރު ދިނުމަކީ އިންޑިއާގައި އާންމު ކަމެކެވެ. އެގޮތުން މަރުގެ އިންޒާރުތަކާ ގުޅިގެން މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ތަރިންނަށް ފުލުހުން ސެކިއުރިޓީ ދީފައިވެ އެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަނާއި ސަލްމާން ޚާންގެ އިތުރުން ކަންގަނާ ރަނާވަތު ހިމެނެ އެވެ.