Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އިޒްރޭލުން މަރުވި މީހުންގެ އަދަދު ހާހަކަށް

ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން މިހާތަނަށް އެ ގައުމުން މަރުވި މީހުންގެ އަދަދު 1،000 އިން މައްޗަށް އަރާފައިވާ ކަމަށް ބުނެފި އެވެ.

އެތަކެއް ބިންތައް ފޭރިގަނެ، ލާއިންސާނީ ޖަރީމާތައް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގުމުގެ ދިގު ތާރީހެއް އޮތް އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ހަމާސް އިން ދިނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޔަހޫދީ ދައުލަތަށް ބޮޑު ޝޮކެއް ލިބުނު މި ހަމަލާ އަކީ ވެފައި ވަނީ އެތަކެއް އަހަރެއް ފަހުން އިޒްރޭލާ ދެކޮޅަށް ދެވުނު އެންމެ ވަރުގަދަ ހަމަލާއަށެވެ.

މި ހަމަލައާ ގުޅިގެން އިޒްރޭލުން މިހާރު އޮތީ ގާޒާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަން އިއުލާންކޮށް ރައްދުގައި މިހާރު ދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.

އިޒްރޭލަށް ހަމަލާތަކެއް ދިނުމަށް ފަހު ހަމާސް އިން ވަނީ އިޒްރޭލުގެ ބަޔަކު ރަހީނުންގެ ގޮތުގައި ވެސް ހިފަހައްޓައިފަ އެވެ.

ހަމާސް އިން ބުނި ގޮތުގައި އިޒްރޭލު މި ފަހަރު ކުޑަކަކޫ މައްޗަށް ތިރިކޮށްލީ ފަލަސްތީންގެ މުސްލިމު ރައްޔިތުންގެ އަތުން ފޭރިގެންފައިވާ އިރުމަތީ ގުދުސްގެ އަލް އަގްސާ މިސްކިތުގައި ޔަހޫދީން ހިންގާ ހަމަނުޖެހުންތަކާއި ފަލަސްތީންގެ ބިންތަކުގައި ވަޒަންވެރިވެ ތިބެ ހަޔޫދީން ހިންގާ ލާއިންސާނީ ޖަރީމާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ އެވެ.

އިޒްރޭލުން ފަލަސްތީނަށް މި ފަހަރު ރައްދުގައި ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 400 އަށް ވުރެ ގިނަ އެވެ. އަދި ހަމަލާތަކާ ގާޒާ އިން 123،000 އެއްހާ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވެ އެވެ. ހަމަލާތަކުގައި ޒަހަމްވެގެން ހޮސްޕިޓަލްތަކުގައި 2،300 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.