Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އައްޑޫ ހޮސްޕިޓަލްގެ ކެތު ލެބް ނިމުމާ ގާތަށް

ހިތުގެ މައްސަލަތަކަށް ފަރުވާދޭން ހާއްސަކޮށްގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކުރަމުން އަންނަ ކެތު ލެބްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް އެ ތަނުން ބުނެފި އެވެ.

އެތަނުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު، ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ކެތު ލެބްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިފަ އެވެ.

އޭއީއެޗުން ބުނީ މިހާރު އެންމެ ހަލުވިކޮށް ކުރިއަށް ދަނީ ކެތު ލެބްގެ އިކްޕްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށާއި ތިން ދުވަސް ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އޭގެ ފަހުން ހަފުތާއެއް ވަންދެން އިކްޕްމަންޓްތައް ޓެސްޓްކުރުމުގެ މަރުހަލާ ކުރިއަށް ދާނެ ކަމަށާއި އެއާ އެކު އެކީގައި ދެ ހަފުތާގެ އެޕްލިކޭޝަން ޓްރެއިނިންތަކެއް ވެސް ކުރިއަށް ދާނެ ކަމަށް އޭއީއެޗުން ބުންޏެވެ.

އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލްގައި ކެތު ލެބެއް ހަދަން ނިންމީ 2020 ގެ ފަހުކޮޅު އެވެ. ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހުއްޓާލައި ޒަމާނީ ވަސީލަތްތަކާ އެކީ އޭއީއެޗުން ހިދުމަތް ދޭން ފެށީ އެ އަހަރުގެ ޖެނުއަރީ މަހުގެ 15 ގަ އެވެ. އާ ހޮސްޕިޓަލްގައި ކެތު ލެބެއް ހަދަން ނިންމީ 2020 ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން 2021 ގެ ބަޖެޓްގައި އޭއީއެޗްގައި ކެތު ލެބަކާއި ޕްރައިވެޓް ރޫމް އަދި ހައިޕަބެރިކް ޗެމްބަރެއް ހަދަން 23.3 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.

އޭއީއެޗްގެ ކެތު ލެބުން ކޮރޮނަރީ އެންޖިއޯގްރަފީ އާއި އިންވޭސިވް އަދި ނޮން-އިންވޭސިވް ފަރުވާތައް ދޭނެ އެވެ. މީގެ އިތުރުން ހާޓްއެޓޭކް ޖެހުން ފަދަ ހިތުގެ ކުއްލި މައްސަލަތަކަށް އެތަނުން ފަރުވާ ދޭން ފެށުމާ އެކީ ރައްޔިތުންނަށް ބޮޑު ލުއެއް ލިބިގެން ދާނެ
ކަމަށް އޭއީއެޗުން ބުންޏެވެ.

އޭއީއެޗްގައި ކެތު ލެބްހެ ހިދުމަތްތައް ދޭން ތައްޔާރުވަމުން އަންނަ އިރު، ދާދި ފަހުން ހޮސްޕިޓަކްގައި ވަނީ ކާޑިއޮލޮޖިސްޓަކާ އެކު ހިތުގެ ބަލިތަކަށް ފަރުވާ ވެސް ދޭން ފަށައިފަ އެވެ.