Last Updated: May 9, 16:46
Friday, May 9, 2025
ޚަބަރު

ޕާލިމެންޓަރީ ގްރޫޕުގެ އިތުބާރު ނަޝީދަކަށް ނެތް

އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އިތުބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނެތްކަމަށް އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރަސްމީކޮށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާ އެކު ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ރައީސް ނަޝީދަށް އެއްވެސް ވަރަކަށް އިތުބާރު ނެތުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައީސް ނަޝީދު މަޖިލީހުގެ ގަވައިދާއެއްގޮތަށް ކަންކަން ނުކުރައްވާ ކަމަށާއި، މަޖިލީހުގެ އެޖެންޑާ ސެޓް ކުރުމުގައި މެޖޯރިޓީ ޕާޓީގެ ބަސް އެއްވެސް ވަރަކަށް ނުހިނގާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ނުވަތަ ނޫންތޯ އެކަމުގައި ގޮތެއް ނިންމުމުގެ އިޚްތިޔާރު ރައީސް ނަޝީދަށް ލިބިގެން ނުވާކަމަށެވެ. އެކަން ނިންމަންވާނީ މަޖިލީޙުގެ އަމީން އާންމު ކަމަށާއި އަމީން އާންމު އެކަމުގައި ގޮތެއް ނިންމުމުގައި ކައުންސެލާ ޖެނެރަލްގެ ބަސް ހޯއްދަވާނެ ކަމަށް ގަބޫލުކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އިތުބާރު ނެތްކަމުގެ މި މައްސަލަ ކުރިއަށް ނުގެންދެވޭފަދަ ހުރަހެއް މަޖިލީހުގެ ގަވައިދުގައި ނެތް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔަކަން ފާހަގަކޮށް ބައެއް ނޫސްވެރިން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެނައިރުވެސް އެމްޑިޕީގެ ބައެއް މެންބަރުން އެކަމާ ނުރުހުނު ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ އަނބުރާ ގެނައީ އޭރުގެ ހާލަތަށް ބެލުމަށްފަހު ކަމަށް ވިދާޅުވިއެވެ.