ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމަކަށް ވަރަށް އުންމީދު ކުރެވޭ ކަމަށް ބޮލީވުޑްގެ ބަތަލާ ކާޖޮލް ބުނެފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ "ފިލްމު ކޮމްޕޭނިއަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ އެކީގައި މަސައްކަތްކުރަން މިހާރު އެންމެ އުންމީދު ކުރެވޭ ޑައިރެކްޓަރަކީ މަނީ ރަތުނަމް ކަމަށެވެ. އާންމުކޮށް ތަމަޅަ ފިލްމު ހަދާ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ބަތަލާ އައިޝްވާރިއާ ރާއީ މުހިއްމު ރޯލެއް އަދި މި އަހަރުގެ އެޕްރީލްގައި ދެވަނަ ބައި ގެނެސްދިން "ޕޮނިޔިން ސެލްވަން 2" އެވެ.
މަނީ ރަތުނަމް ހެދި ހިންދީ ފިލްމުތަކުގެ ތެރޭގައި "ބޮމްބޭ"، "ރޯޖާ"، "ގުރޫ"، "ރާވަން" އަދި "ދިލް ސޭ" ހިމެނެ އެވެ.
އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލް ބުނީ މަނީ ރަތުނަމް އަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށާއި އޭނަގެ ފިލްމުތައް އަބަދު ވެސް ވަރަށް ކަމުދާ ކަމަށެވެ. އަދި މަނީ ރަތުނަމްގެ ފިލްމަކުން މީގެ ކުރިން ފުރުސަތު ލިބުނު ނަމަވެސް ވަގުތު ދ3ވެން ނެތިގެން އެ ދޫކޮށްލަން ޖެހުނު ކަމަށް ކާޖޮލް ބުންޏެވެ.
"އެއީ އަހަރެން ކުޗް ކުޗް ހޯތާ ހޭގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު. އޭރު މަނީ ސާގެ ފިލްމަކުން ފުރުސަތު ލިބުނީމަ ގާތް ވަރަށް ގިނަ ބަޔަކު އެދުނު ކަރަން ޖޯހަރް [ކުޗް ކުޗް ހޯތާ ހޭ ގެ ޑައިރެކްޓަރު] ގެ ފިލްމު ދޫކޮށްލަން. ނަމަވެސް އެގްރިމަންޓް ހަދައި، ފިލްމަށް ވަގުތު ދޭން އެއްބަސްވެފައި އޮތީމަ އެ ފުރުސަތުގެ ބޭނުން ހިފޭ ގޮތް ނުވީ." ކާޖޮލް ބުންޏެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ކުޗް ކުޗް ހޯތާ ހޭ" އަކީ ކަރަންގެ އަލަތު ޑައިރެކްޝަނެވެ. އެ ފިލްމުގެ ތަރިންނަކީ ކާޖޮލްގެ އިތުރުން ޝާހްރުކް ޚާނާއި ރާނީ މުކަރްޖީ އެވެ.
ކާޖޮލް ބުނީ މަނީ ރަތުނަމްގެ ފަރާތުން ލިބުނު ފުރުސަތު ބޭނުން ނުހިފުނު ނަމަވެސް އޭނަގެ ފިލްމަކަށް ކުރެވޭ އުންމީދު އެއް އިރެއްގައި ވެސް ދޫކޮށް ނުލާ ކަމަށެވެ.
"އެހެންވެ ވަރަށް ބޭނުން އެކީގައި މަސައްކަތްކޮށްލަން. އަހަރެން ގަބޫލުކުރާ ގޮތުގައި މަނީ ސާ އަކީ ބަތަލާއެއްގެ ގޮތުގައި އަހަރެންގެ މެކްސިމަމް ހުނަރު ވެސް ނެރެދެވޭނެ ޑައިރެކްޓަރެއް." ކުރީގެ މަޝްހޫރު ބަތަލާ ތަނޫޖާ ދަރިފުޅު ބުންޏެވެ.
ކާޖޮލް އެންމެ ފަހުން ފެނިފައި ވަނީ ޖުލައިގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ސީރީޒް "ދަ ޓްރަޔަލް" އިންނެވެ.
މިދިޔަ އަހަރު "ސަލާމް ވެންކީ" ކިޔާ ފިލްމަކުން ވެސް ފެނުނު ބަތަލާ މިހާރު އަންނަނީ "ދޯ ޕައްތީ" ކިޔާ މިސްޓްރީ ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ.