Last Updated: May 9, 17:09
Friday, May 9, 2025
ޚަބަރު

މި ވަގުތު މެމްބަރުންގެ އަދަދު ލިމިޓްކުރުން ރަނގަޅެއް ނޫން

އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވަނިކޮށް މެމްބަރުންގެ އަދަދު ލިމިޓް ކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރުންގެ އަދަދު ލިމިޓް ކުރުމާ ގުޅޭގޮތުން ނޫސްވެރިއަކުވަނީ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެ މައްސަލައިގައި އެމްޑީޕީ ޕީޖީން އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ. އެހެންނަމަވެސް އޭނާ ދެކޭގޮތުގައި އެފަދަ ކަންކަމަށް ވަގުތު އޮންނަން ޖެހޭނެ ކަމަށާއި އިންތިހާބެއް ބޯމަތިވެފައިވަނިކޮށް އިންތިހާބަށް ކުރިމަތިލެއްވޭނެ މީހުންގެ އަދަދަށް ބަދަލު ގެނައުމަކީ ރަނގަޅު ކަމެއް ކަމަށް ނުދެކޭ ކަމަށް ވިދާޅުވިއެވެ.

އެފަދަ ބަދަލެއް ގެންނަނަމަ ގޮތެއް ނިންމަންވާނީ ފުދޭ ވަރަކަށް ރަނގަޅަށް މަޝްވަރާކުރުމަށްފަހު ކަމަށްފަހު ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ ކުރިމައްޗަށް އިންތިހާބެއް އޮށްވާ މެންބަރުންގެ އަދަދު ލިމިޓް ކުރުމަށް ޤާނޫނުއަސާސީ އިސްލާހު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް، އަމިއްލަ ހައިސިއްޔަތުން ނުދެކޭކަމަށެވެ.

ޤާނޫނުއަސާސީގައި މިހާރު އޮތްގޮތުން ކޮންމެ 5000 މީހުންގެ އާބާދީއަކަށް މަޖިލިސް މެންބަރަކު ހުންނަންޖެހެއެވެ. އެހެން އޮތުމުން ކޮންމެ މަޖިލިސް އިންތިހާބަކަށް އަންނައިރު މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ހާމަކުރިގޮތުގައި އަންނަ މަޖިލިސް އިންތިހާބަށް އިދާރީ 93 ދާއިރާ އަކަށް މެމްބަރުން އިންތިހާބު ކުރަންޖެހެއެވެ. މިހާރު މަޖިލީހުގައި ތިބެނީ 87 މެންބަރުންނެވެ.

މެންބަރުންގެ އަދަދު ލިމިޓް ކުރުމަށް ނުހަނު ފަހުން ޤާނޫނުއަސާސީއަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ. މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.