އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ލަފާދީފައިވާކަމަށް ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިޒުގެ އޮފީހުގެ ފަރާތުން ދަ ޑިމޮކްރެޓްސްއާއެކު މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރެޓްސްގައި ހިމެނޭ ބޭފުޅުންނަކީ މީގެކުރިންވެސް ސަރުކާރު ހިންގަވާފައި ތިއްބެވި ބޭފުޅުންނަށްވުމުން އެ ބޭފުޅުންނަށް ކުރެވިފައި ހުރި ތަޖުރިބާ ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން އެތަޖުރިބާގެ އަލީގައި ކުރިއަށް ދާނެ ގޮތާމެދު ހިޔާލު ހުރިނެތް ގޮތް ޑިމޮކްރަޓުންގެ ފަރާތުން ހިއްސާކުރެއްވިކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ދެން އުފެދޭ ސަރުކާރަކީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ގޮތުގައި ހިނގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުންވެސް ތަކުރާރުކޮށް އެދިވަޑައިގެންފައިވާ ކަމަށެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނެ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ދެކޭތީ ޑިމޮކްރެޓްސްއާއި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބާތޯއާމެދު މަޝްވަރާކުރެވުނުކަމަށެވެ.
ޑރ. މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރަޓުން ބައިވެރިވާނެކަން އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފްވެސް ވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ.