Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް އެމްޑީޕީ ވާދަކުރާނެ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއެއްގެ ގޮނޑިއަކަށް އެމްޑީޕީން ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ އަންނަ އަހަރު މަޖިލީހަށް 93 މެމްބަރުން ހޮވާ އިރު، ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރާނެ އެވެ. އަދި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ މީހުން ކަނޑައެޅުމަށް މި އަހަރުގެ ފަހުކޮޅު ޕްރައިމަރީ ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ ވަރުގަދަކޮށް، އެކަތިގަނޑެއްގެ ގޮތުގަ އެވެ.

އަންނަ އަހަރު މަޖިލީހަށް 93 މެމްބަރުން އިންތިހާބުކުރާ އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ އަލަށް ހަ ދާއިރާ އިތުރުވުމާ ގުޅިގެންނެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ.

އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އީސީން އަދި އިއުލާނެއް ނުކުރެ އެވެ.

މިހާރު ހިނގަމުން އަންނަ މަޖިލީހަށް ކުރިން އެމްޑީޕީ އަށް ސުޕަ މެޖޯރިޓީ އޮތް ޕާޓީއެކެވެ. ނަމަވެސް މަޖީލިހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެ ޕާޓީގެ މެމްބަރުންތަކެއް ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން ސުޕަ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. އެގޮތުން ކުރިން 65 މެމްބަރުން ތިބި ޕާޓީގެ މެމްބަރުންގެ އަދަދަކީ މިހާރު 55 އެވެ.

އެމްޑީޕީން ވަކިވެވަޑައިގަތް މެމްބަރުން މިހާރު މަޖިލީހުގައި ތަމްސީލުކުރައްވަނީ އެ ބޭފުޅުން ފަހުން އުފެއްދެވި ޕާޓީ ދަ ޑިމޮކްރެޓްސް އެވެ.

އަންނަ އަހަރު މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަކުރަން ނިންމި އިރު، ވެރިކަމުގައި މިހާރު އޮތް އެ އަށް މި އަހަރު ވަނީ ރިޔާސީ އިންތިހާބު ގެއްލިފަ އެވެ. މި ނާކާމީޔާބީއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ދެން އަމާޒަކަށް ހަދަން މަޖިލިސް އިންތިހާބު ކާމިޔާބުކުރަން ކަމަށެވެ.