އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި 140 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިޒްރޭލުން ހަނގުރާމަ އިއުލާންކޮށް ފަލަސްތީނަށް ދެމުންދާ ހަމަލަތާކުގައި މިހާތަނަށް ވަނީ 704 މީހަކު ޝަހީދުވެފަ އެވެ. އެގޮތުން ގާޒާ އިން 687 މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި 140 ކުޑަކުދިންނާއި 105 އަންހެނުން ހިމެނެ އެވެ. އަދި 3،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

އިޒްރޭލުން ދިން ހަމަލާތަކުގައި ހުޅަނގު އައްސޭރިން ވަނީ 17 މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި ތިން ކުޑަކުދިން ހިމެނެ އެވެ.
ފަލަސްތީނުގައި ހަރަކާތްތެރިވާ ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލް އިން ބުނީ އިޒްރޭލުން ވައިގެ ހަމަލާތައް އަމާޒު ކުރަމުން އަންނަނީ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށާއި މިވަގުތު ގާޒާގައި ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމަށެވެ. އަދި ފާއިތުވި 48 ގަޑިއިރުތެރޭ އިޒްރޭލުގެ ހަމަލާތަކުގައި މަރުވާ ކުޑަކުދިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތަކެއް ދޭން ފެށީ އެގައުމާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ވަރުގަދަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެންނެވެ.

ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ވައިގެ ހަމަލާތަކެއް މިދިޔަ ހޮނިހިރު ދުވަހު ދޭން ފެށިއިރު އެ ހަމަލާތަކުގައި އިޒްރޭލުގެ 900 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މި ހަމަލާތައް އިޒްރޭލަށް ދޭން ފެށީ މިދިޔަ ހުކުރު ދުވަހު ފަލަސްތީނުގެ ޒުވާނެއްގެ ޖަނާޒާ އަށް ހާޒިރުވި ފަލަސްތީނުގެ ރައްޔިތުންތަކަކަށް އިޒްރޭލުން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 50 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ