ކުރިއަށް އަދިވެސް އޮތީ އިޒްރޭލަށް އުނދަގޫ ދުވަސްތަކެއް ކަމަށް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުން މިހާރު ވަނީ އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. ހަމާސް އިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 900 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ނަތަންޔާހޫ ވިދާޅުވީ ހަމާސްގެ މައްޗަށް އިޒްރޭލުން ކުރި ހޯދާނެ ކަމަށާއި ނަމަވެސް ކުރިއަށް އަދިވެސް އިޒްރޭލަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަދި މި ހާލަތުން އަރައިގަންނާނީ އެންމެން އެކުގައި ކަމަށާއި ހަމާސްއާ ދެކޮޅަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ދެމުންދާނީ މީގެކުރިން ދުވަހަކު ވެސް ނުދޭ ވަރުގެ ހަމަލާތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ނަތަންޔާހޫ ވަނީ ހަމާސް ޖަމާއަތުން ދެން ތަޖުރިބާ ކުރަން ޖެހޭނީ އުނދަގޫ ކަންތައްތަކެއް ކަމަށާއި އިޒްރޭލު ރައްޔިތުންގެ ހައްގުގައި ނުފޮރޮޅާނެ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމާސް ޖަމާއަތް ބަލިކުރުމަށް ފަހު މުޅި މެދުއިރުމަތި މިފަހަރު ބަދަލުކޮށްލާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.
ހަމާސް ޖަމާއަތުން މިފަހަރު އިޒްރޭލަށް ދޭން ފެށި ހަމަލާތަކަކީ މިފަހުން އިޒްރޭލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އިޒްރޭލްގެ އެކި ހިސާބުތަކުގައި ހަމާސްގެ ހަނގުރާމަވެރިން ހަމަލާ ދެމުންދާއިރު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވާލާ މިސައިލްތަކަށް ވެސް ހުއްޓުމެއް ނާދެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުން މިހާރު އަންނަނީ އެއްގަމުން ގާޒާ އަށް އަރައިގަންނަން ވެސް ތައްޔާރުވަމުންނެވެ. އެގޮތުން ގާޒާގެ ސަރަހައްދީ ރޮނގަށް ބަރު ހަތިޔާރާއި ސިފައިން ވަނީ ޖަމާކޮށްފަ އެވެ.