Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ފަލަސްތީނު ރައްޔިތުންނާ އެކު ދެމި ތިބޭނަން

ފަލަސްތީނު ރައްޔިތުންނާއެކު ދެމި ތިބޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.

ސައުދީ ވަލީ އަހުދު އަދި އެގައުމުގެ ބޮޑުވަޒީރު، މުހައްމަދު ބިން ސަލްމާން ފޯނުން ގުޅުއްވާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ދެއްކެވި ވާހަކަފުޅުގައި ވަނީ ފަލަސްތީނުގެ ގާޒާ އާއި އެގައުމުގެ އެހެނިހެން ސަރަހައްދުތަކުގެ ހާލަތު ގޯސްވެ އާންމުން ނުރައްކަލަށް ހުށަހެޅުމާއި ސަރަހައްދުގެ ހަމަޖެހުން ގެއްލިދާނެތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަދި ސައުދީން ކަމާގުޅޭ އެކި ފަރާތްތަކާއި ވާހަކަ ދައްކައިގެން މިހާރުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކާ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި ސައުދީން ފަލަސްތީނު ރައްޔިތުންނާއެކު ދެމި ތިބޭނެ ކަމުގެ ޔަގީންކަން ވެސް ވަލީ އަހުދު ދެއްވި އެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް ހައްގުތައް ހޯދައިދީ ހަމަޖެހުން ގެނެސްދިނުމުގައި ސައުދީ ދެމި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ސައުދީ ވަލީ އަހުދު މިހެން ވިދާޅުވި އިރު އެގައުމުން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމުގެ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ގަލްފު ސަރަހައްދުގައި ސައުދީއާ އެންމެ އެކުވެރި ބަހްރެއިން އަދި ޔޫއޭއީން ވަނީ 2020 ވަނަ އަހަރު އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފަ އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުން މިހާރު ވަނީ އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. ހަމާސް އިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 900 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އޭގެ ރައްދުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.

ހަމާސް ޖަމާއަތުން މިފަހަރު އިޒްރޭލަށް ދޭން ފެށި ހަމަލާތަކަކީ މިފަހުން އިޒްރޭލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.