Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

ސުޝްމިތާގެ "އާރިއާ 3" އަންނަ މަހު

ބަތަލާ ސުޝްމިތާ ސެންގެ ވެބް ސީރީޒް "އާރިއާ" ގެ ތިން ވަނަ ސީޒަންގެ ޓީޒާ ޓްރެއިލާ ދައްކާލައި، އަންނަ މަހު މި ބެލުންތެރިންނަށް ދޫކޮށްލާނެކަން އިއުކާންކޮށްފި އެެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި 2016 ގެ ފިލްމު "ނީރްޖާ" ގެ ޑައިރެކްޓަރު ރާމް މަދުވާނީ ޑައިރެކްޓްކޮށްފައިވާ ސީރީޒްގެ ތިން ވަނަ ސީޒަން ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާނީ އަންނަ މަހުގެ 3 ގަ އެވެ. ކުރީގެ ދެ ސީޒަނާ އެއްގޮތަށް އާ ސީޒަންގައި ވެސް އާއިލާގެ ހިމާޔަތާއި ރައްކާތެރި ކަމަށް ސުޝްމިތާ ދައްކާ ހިތްވަރާއި ގުރުބާނީ މި ކްރައިމް ތުރިލާ އިން ޑްރާމާ އިން ފެނިގެން ދާނެ އެވެ.

"އާރިއާ" ގެ ފުރަތަމަ ސީޒަން 2020 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ސީޒަން ދޫކޮށްލީ 2021 ގަ އެވެ. އެ ދެ ސީޒަންގައި ޖުމްލަ 17 އެޕިސޯޑް ހިމެނެ އެވެ. "އާރިއާ" ގައި ސުޝްމިތާއާ އެކީ ބޮޑު ކާސްޓެއް ހިމެނެ އެވެ.

މީގެ ތިން ވަނަ ސީޒަން އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭ އިރު، "ތާލީ" ކިޔާ ސީރީޒަކުން އޮގަސްޓް މަހު ސުޝްމިތާ ފެނިފައިވެ އެވެ. ޖިއޯ ސިނެމާ އެޕުން ގެނެސްދިން އެ ސީރީޒަކީ 8 އެޕިސޯޑްގެ އެއްޗެކެވެ. "ތާލީ" ގައި 1994 ގެ މިސް ޔުނިވާސް ކުޅުނީ އިންޑިއާގެ ނުފޫޒު ގަދަ ޓްރާންސްޖެންޑާ އެކްޓިވިސްޓެއް ކަމަށްވާ ޝްރީގޯރީ ސާވަންތުގެ ރޯލެވެ.