މާލެއިން ހުޅުމާލެއާ ދޭތެރޭ އޮންނަ ހައިވޭގައި ދުއްވި އެމްއެންޑީއެފްގެ ކާރެއް މިއަދު ފުރޮޅާލައިފި އެވެ.
އެތަނުން ބުނީ ފުރޮޅާލީ ހުޅުލޭގައި ހުންނަ އެމްއެންޑީއެފްގެ މަރުކަޒަށް ދަތުރުކުރަމުން ދިޔަ ކާރެއް ކަމަށެވެ. ކާރު ފުރޮޅާލީ ވިއްސާރަވުމުގެ ސަބަބުން ކަމަށާއި މި ހާދިސާގައި މީހަށް ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ކާރު އިތުރު އެހެން ވެހިކަލެއްގައި ވެސް ޖެހިފައި ނުވާ ކަމަށް ބުންޏެވެ.
ފުރޮޅާލި ކާރު ފޯކްލިފްޓެއްގެ އެހީގައި މިހާރު ވަނީ ނަގައިފަ އެވެ. އަދި ފުލުހުން މިހާރު އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ހައިވޭގައި ނުރައްކާތެރި ހާދިސާތައް ހިނގުން ވަރަށް ގިނަ އެވެ. އަދި މިފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިގެން ގޮސްފައިވެ އެވެ.