މިދިޔަ މަހު ރިލީޒްކުރި ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ގައި ބަތަލާގެ ރޯލު ކުޅުނު އިންޑިއާގެ ދެކުނުގެ ބަތަލާ ނަޔަންތަރާ އަށް ދެވަނަ ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި
މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ބައިޖޫ ބަވްރާ" ގެ ރޯލެއް ނަޔަންތަރާ އަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާރު އަންނަނީ މަޝްވަރާ ކުރެވެމުންނެވެ. އެގޮތުން ފިލްމަށް ނަޔަންތަރާ އެއްބަސްވާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ސަބަބަކީ ކުޅަދާނަ ޑައިރެކްޓަރު ބަންސާލީ އަކީ އަބަދު ވެސް އިންޑިއާގެ ގިނަ ފިލްމީ ތަރިންގެ "ވިޝް ލިސްޓް" ގައި ހިމެނޭ ޑައިރެކްޓަރަކަށްވުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ބައިޖޫ ބަވްރާ" ގެ ލީޑް ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. އަދި މީގެ ރޯލެއް ކިއާރާ އަދުވާނީ އަށް ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް ފިލްމުގެ ކާސްޓާ ބެހޭ ގޮތުން ބަންސާލީ މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
އަންނަ އަހަރު "ބައިޖޫ ބަވްރާ" ގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ ނެޓްފްލިކްސްއާ ގުޅިގެން ބަންސާލީ މިހާރު ހަދަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ" ގެ މަސައްކަތްތައް ނިންމައިލުމަށް ފަހު އެވެ.
"ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" އާއި "ރާމް-ލީލާ" އާއި "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން "ޕަދުމާވަތު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އާލިއާއާ އެކީ ގެނެސްދިން "ގަންގޫބާއީ ކަތިއަވާޅީ" އެވެ. މި ފިލްމުން އާލިއާ އަށް ވަނީ މި އަހަރު މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުވެފަ އެވެ.
"ބައިޖޫ ބަވްރާ" އަކީ އެ ނަމުގައި 1952 ގައި ޑައިރެކްޓަރު ވިޖޭ ބަޓް ގެނެސްދިން މިއުޒިކަލް ރޮމޭންޓިކް ޑްރާމާ އަސްލަކަށް ބަލައިގެން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. ކުރީގެ ފިލްމުގެ ތަރިންނަކީ ބާރަތު ބުޝަން އާއި މީނާ ކުމާރީ އެވެ.