Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

"ޓައިގާ 3" އަކީ އެންމެ އުނދަގޫ ފިލްމު: ކެޓްރީނާ

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ޓައިގާ 3" އަކީ ކެރިއަރުގެ އެންމެ އުނދަގޫ، އެންމެ ޗެލެންޖިން ފިލްމު ކަމަށް ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

މި ފިލްމަކީ އޭނަ އާއި ސަލްމާން ޚާން ކުޅެމުން އަންނަ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ. މީގެ ފުރަތަމަ ފިލްމަކީ 2012 ގެ "އޭކް ތަ ޓައިގާ" އެވެ. އަދި ދެވަނަ ފިލްމަކީ 2017 ގެ "ޓައިގާ ޒިންދާ ހޭ" އެވެ.

އޭގައި ޒޯޔާ ކިޔާ އެކްޝަން ކެރެކްޓާއެއް ކުޅެމުން އަންނަ ކެޓްރީނާ ބުނީ "ޓައިގާ 3" އަކީ ކެރިއަރުގެ އެންމެ އުނދަގޫ ފިލްމަކަށް ވިޔަސް އެންމެ ހިތްހަމަޖެހޭ ފިލްމު ކަމަށެވެ.

"މިއީ އެ ކެރެކްޓާއެއްގައި އަހަރެން ބޭނުންވާ ހުރިހާ ކޮލިޓީއެއް އެކުލެވޭ ރޯލެއް. އެކަމަކު މި ފަހަރުގެ މި ފިލްމަކީ އެންމެ ޗެލެންޖިން ފިލްމު. ހަގީގަތަށް ބުނަންޏާ ވަރަށް އުނދަގޫ ފިލްމެއް ޓައިގާ ތިނެކަކީ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އަދި އެންމެ ހިތްހަމަޖެހޭ ފިލްމު މިއީ."

ކެޓްރީނާ ބުނި ގޮތުގައި މި ފިލްމަކީ ބެލުންތެރިންނަށް އޭނަގެ ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެންނާނެ ވަރަށް، އުންމީދު ނުކުރާ ކަހަލަ ފިލްމަކަށް ވާނެ އެވެ.

"ޔަގީނުން ވެސް ބެލުންތެރިން ސަޕްރައިޒްވާ ކަހަލަ ކަންތައްތަކެއް ހުންނާނެ. އެހެންވެ ވަރަށް އުފަލުން މި ހުންނަނީ،" އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ބުންޏެވެ. "އުންމީދަކީ ބެ،ލުންތެރިންނަށް ފިލްމު ވަރަށް ކަމުދާނެ ކަމަށް."

"ޓައިގާ 3" ރިލީޒްކުރާ ތާރީހު ގާތްވަމުން އަންނަ އިރު، ކެޓްރީނާގެ ސޯލޯ އާ ޕޯސްޓަރެއް ވެސް މިއަދިު ވަނީ ދައްކާލައިފަ އެެވެ. އަދި މި ފިލްމުގެ ޓްރެއިލާ މި މަހުގެ 16 ގައި ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.

އަންނަ މަހުގެ ތެރޭގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލާ ދިމާކޮށް ރިލީޒްކުރާ ފިލްމުގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރަތު" އާއި "ފޭން" ފަދަ ފިލްމުތައް ގެނެސްދިން މަނީޝް ޝަރުމާ އެވެ.