Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ޔޫއޭއީން ފަލަސްތީނަށް 20 މިލިއަން ޑޮލަރުގެ އެހީ

ފަލަސްތީނަށް 20 މިލިއަން ޑޮލަރު އެހީއެއް ދިނުމަށް ޔޫއޭއީން ނިންމައިފި އެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާ އިން ބުނީ ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ އެންގެވުމުގެ މަތިން ދިނުމަށް ހަމަޖެހިފައިވާ މި އެހީ ފަލަސްތީނު ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވަނީ އދ. ގެ ރިލީފް އެޖެންސީ އާއި ފަލަސްތީނު ރެޖިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ މެދުވެރިކޮށް ކަމަށެވެ.

މިއީ ކާރިސާގެ ވަގުތުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޔޫއޭއީގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދޭ އެހީއެއް ކަމަށްވެސް ބުނެފައިވެ އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުން މިހާރު ވަނީ އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. ހަމާސް އިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އޭގެ ރައްދުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.

ހަމާސް ޖަމާއަތުން މިފަހަރު އިޒްރޭލަށް ދޭން ފެށި ހަމަލާތަކަކީ މިފަހުން އިޒްރޭލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ.