Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އާ ގައުންއެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އާ ގައުމެއް ތުރުކުރައްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

އެ ކޯޓް 2008 ގައި އުފެދުމާ ހަމައަށް ސުޕްރީމް ކޯޓު އަދި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ޚާއްސަ ގައުނެއް ބޭނުންކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭގެ ފަހުން ރާއްޖޭގެ އެންމެ މަތީ ކޯޓް ކަމަށްވާ ސުޕްރީމް ކޯޓުގެ ތުރުކުރައްވަމުން ގެންދެވީ ރިހި ކުލައިގެ ރޭނދާ އަޅާފައިވާ ކަޅު ކުލައިގެ ގައުނެކެވެ. އަދި އުއްތަމަފަނޑިޔާރު ތުރުކުރައްވާ ގައުނުގައި އިންނަނީ ރަން ކުލައިގެ ރޭނދާ އެވެ.

އެ ކޯޓުން އަލަށް ތައާރަފުކުރި ގައުނު ފަރުމާކޮށްފައިވަނީ އިސްލާމީ ތާރީހާއި ރާއްޖޭގެ ސަގާފަތާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށްކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

މި ގައުންއާ ގުޅޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ސުޕްރީމް ކޯޓުން ހިއްސާކޮށްފައިވެ އެވެ. އާ މި ގައުންގެ ރޭނދާގެ ޑިޒައިން ފަރުމާކޮށްފައި ވަނީ މާލޭގެ ހުކުރު މިސްކިތުގައި ހުންނަ ހިރިގަލުގެ ފަރުމާ އަސްލަކަށް ބަލައިގެންނެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށް ދިނުމަށް ތިލަފަތަކާއި ތިން ތަރިއެއް ހިމެނޭ ޑިޒައިނެއްވެސް އޭގައި އެކުލެވެ އެވ.

އެގޮތުން ދެން އުއްތަމަފަނޑިޔާރު ތުރުކުރެއްވުމަށް ހަމަޖެހިފައި ވަނީ ރަން ކުލައިގެ ދެ ފަށުގެ ރޭނދާއެއް ލާފައިވާ ގައުންއެކެވެ. އަދި އެހެން ފަނޑިޔާރުންގެ ގައުނުގައި ހުންނާނީ އެންމެ ރޭނދާއެކެވެ.

ކުރިއެކޭ އެއްގޮތަށް އާ ގައުން ޝަރީއަތުގެ މަޖިލީހާއި ޚާއްސަ މުނާސަބަތަކުގައި ވެސް ކޯޓްގެ ހުރިހާ ފަނޑިޔާރުނ ތުރުކުރައްވާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.