އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުން 900 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިޒްރޭލުން ހަނގުރާމަ އިއުލާންކޮށް ފަލަސްތީނަށް ދެމުންދާ ހަމަލަތާކުގައި މިހާތަނަށް 921 މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެތެރެއިން 260 މީހުންނަކީ ކުޑަކުދިންނެވެ. އަދި 230 މީހުންނަކީ އަންހެނުން ކަމަށްވާއިރު 4،500 މީހުންނަށް މި ހަމަލާތަކުގައި އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އިން 900 އިން މީހުން ޝަހީދުކޮށްލާފައިވާއިރު ހުޅަނގު އައްސޭރިން ވަނީ 21 މީހަކު ޝަހީދުކޮށްލާފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތަކެއް ދޭން ފެށީ އެގައުމާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ވަރުގަދަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެންނެވެ.

ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ވައިގެ ހަމަލާތަކެއް މިދިޔަ ހޮނިހިރު ދުވަހު ދޭން ފެށިއިރު އެ ހަމަލާތަކުގައި އިޒްރޭލުގެ 1،200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މި ހަމަލާތައް އިޒްރޭލަށް ދޭން ފެށީ މިދިޔަ ހުކުރު ދުވަހު ފަލަސްތީނުގެ ޒުވާނެއްގެ ޖަނާޒާ އަށް ހާޒިރުވި ފަލަސްތީނުގެ ރައްޔިތުންތަކަކަށް އިޒްރޭލުން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 50 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ