Last Updated: July 24, 11:07
Friday, July 24, 2026
މުނިފޫހިފިލުވުން

"ކުޗް ކުޗް ހޯތާ ހޭ" ގެ ލަވައެއްގެ އާ ވާޝަނެއް

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކުޗް ކުޗް ހޯތާ ހޭ" ރިލީޒްކުރިތާ 25 އަހަރު ފުރޭތީ އެކަމާ ގުޅުވައިގެން ފިލްމުގެ ލަވައެއްގެ އާ ވާޝަނެއް ގެނެސްދޭން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް އެ ފިލްމުގެ މިއުޒިކް ރައިޓްސް އޮތް ސޮނީ މިއުޒިކުން ބުނީ ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ ފިލްމުގައި ހިމެނޭ އެންމެ އަސަރު ގަދަ ލަވަ ކަމަށްވާ "ތުޖެ ޔާދު ނަ މޭރީ އައީ" ކަމަށެވެ. ޖަތިން-ލަލިތު މިއުޒިކް ހަދައި، ސަމީރު ޅެންތައް ލިޔުނު "ކުޗް ކުޗް ހޯތާ ހޭ" ގެ ހުރިހާ ލަވަތަކަކީ ވެސް ވަރަށް މަގުބޫލުވި ރީތި ލަވަތެކެކެވެ. ފިލްމުގައި ޖުމްލަ 8 ލަވަ ހިމެނެ އެވެ.

އާ ވާޝަނެއް ގެނެސްދޭން ނިންމި ލަވަ އަކީ އަލްކާ ޔަގްނިކާއި އުދިތު ނާރަޔަންގެ އިތުރުން މަންޕްރީީތު އަޚްތަރު ކިޔާފައިވާ ލަވައެކެވެ. ބެލެވޭ ގޮތުން "ތުޖެ ޔާދު ނަ މޭރީ އައީ 2.0" ބެލުންތެރިންނަށް ދޫކޮށްލާނީ ފިލްމުގެ އެނިވާސަރީގެ ގޮތުގައި ފާހަގަކުރާ މި މަހުގެ 16 ގަ އެވެ.

އޮކްޓޯބަރު 16، 1998 ގައި ރިލީޒްކުރި "ކުޗް ކުޗް ހޯތާ ހޭ" އަކީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ އަލަތު ޑައިރެކްޝަނެވެ. ޝާހްރުކް ޚާނާއި ކާޖޮލްގެ އިތުރުން ރާނީ މުކަރްޖީ އަދި ހާއްސަ، ކުރު ރޯލެއް ސަލްމާން ޚާން ކުޅުނު މި ފިލްމަކީ ކަރަން ލިޔެ، ޑައިރެކްޓްކުރި ރޮމޭންޓިކް ޑްރާމާއެކެވެ.

"ކުޗް ކުޗް ހޯތާ ހޭ" ފާހަގަކުރެވިފައި ވަނީ ހިންދީ ސިނަމާގެ "އެންމެ އައިކޮނިކް ލޯބީގެ ފިލްމުތަކު" ގެ ތެރޭގަ އެވެ. މި ފިލްމަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ފިލްމެކެވެ.

ކަރަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖުލައި މަހު ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކީ ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. މިއީ އޭނަ ޑައިރެކްޓްކުރި 7 ވަނަ ފިލްމެވެ.